ކުއްލި ޚަބަރު

ކޮވިޑަށް ޕޮޒިޓިވްވި ހަތް މަހުގެ ކުއްޖާގެ މަންމަވެސް ޕޮޒިޓިވް، ދެމައިން ތިބީ އެއްތަނެއްގައި: ޑރ. އަފްޒަލް

ކޮވިޑަށް ޕޮޒިޓިވްވި ހަތް މަހުގެ ކުއްޖާގެ މަންމަވެސް ޕޮޒިޓިވް ކަމަށާއި ދެމައިން ތިބީ އެއްތަނެއްގައި ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑޮކްޓަރު އަފްޒަލް ވިދާޅުވީ، ކޮވިޑް 19 އަށް ފަރުވާ ދިނުމަށް ބޭނުން ކުރަމުން އަންނަ ޓްރީޓޮޕް ހޮސްޕިޓަލްގައި ނުވަ މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށެވެ.

އެއީ ހަ ދިވެހިންނާއި ތިން ބިދޭސީން ކަމަށާއި އަދި އޭގެ ތެރެއިން 54 އަހަރުގެ ބިދޭސީއަކު ވެންޓިލޭޓަރަށް ލާފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ، އެތަނުގައި ހަތް މަހުގެ ތުއްތު ކުއްޖަކާއި ދެ އަހަރުގެ ކުއްޖަކަށް ވެސް ފަރުވާ ދެމުން އަންނަ ކަމަށެވެ.

ހަތް މަހުގެ ތުއްތު ފިރިހެން ކުއްޖަކު ޕޮޒިޓިވްވީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެއީ ރާއްޖޭގައި މިހާތަނަށް ކޮވިޑް ޖެހުނު އެންމެ ކުޑަ ކުއްޖާއެވެ.

އޭގެ އިތުރުން ހއ. ތަކަންދޫން ކޮވިޑް 19 އަށް ޕޮޒިޓިވްވި ފަސް އަހަރުގެ ކުއްޖާ ވެސް މިވަގުތު ހުރީ މަންމައާއެއްކޮށް އައިސޮލޭޝަންގައި ފެސިލިޓީއެއްގައި ކަމަށް ޑޮކްޓަރު އަފްޒަލް ވިދާޅުވިއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑާ ގުޅޭ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައި ހުންނަވާ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، ހަތް މަހުގެ ތުއްތު ކުއްޖާގެ މަންމަ ވެސް ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެހެންކަމުން އެ ދެބައިން ތިބީ އެއްކޮށް ކަމަށެވެ.

މިިދިޔަ ހުކުރު ދުވަހު ތަކަންދޫން ޕޮޒިޓިވްވި ތިން މީހުންގެ ތެރޭގައި ހިމެނޭ ފަސް އަހަރުގެ ކުއްޖާ އެކުއްޖާގެ މަންމައާއެކު އެކަހެރިވެގެން ތިބީ އުތުރުން ކަރަންޓީން ފެސިލިޓީއަކަށް ހަމަޖައްސާފައިވާ ހައިޑަވޭ އައިލެންޑް ރިސޯޓުގައެވެ. އަދި އެކުއްޖާގެ ފުރަތަމަ ސާމްޕަލްގެ ނަތީޖާ ވަނީ ނެގެޓިވް ވެފައެވެ.