ކުއްލި ޚަބަރު

އިންޑިއާގެ މަނަވަރުގައި 18 ނަރުހަކު ފުރި، އެއީ މާބަނޑު މީހުން: މަބްރޫކް

4

އިންޑިއާގެ މަނަވަރުގައި 18 ނަރުހަކު ފުރި ކަމަށާއި އެއީ މާބަނޑު މީހުން ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

ކޮވިޑް 19 ގެ ސަބަބުން އެކި ގައުމުތަކުގައި ތާށިވެފައި ތިބި އިންޑިއާގެ ރައްޔިތުން އަނބުރާ ގައުމަށް ގެންދިއުމަށް ފަށާފައިވާ ބޮޑު އޮޕަރޭޝަނުގެ ތެރެއިން މިދިޔަ ހޮނިހިރު ދުވަހު ރާއްޖޭގައި ތިބި 698 އިންޑިއާ ރައްޔިތުން ވަނީ ރާއްޖެއިން ފުރައިފައެވެ. އެ މީހުންނަށް ކޮޗިންއަށް ދެވުނީ މިއަދެވެ.

އައިއެންއެސް ޖަލަޝްވާ ނަމަކަށް ކިޔާ އިންޑިއާގެ މަނަވަރެއްގައި އެ މީހުން ކޮޗިނަށް ގެންދިޔައިރު ރާއްޖޭގައި ތިބި އިންޑިއާގެ ޑޮކްޓަރުންނާއި ނަރުހުން ނުގެންދަން ސަރުކާރުން އޮތީ އެދިފައެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، އެ މަނަވަރުގައި ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާގެ 18 ނަރުހަކު ފުރާފައިވާ ކަމަށާއި އެ އެންމެންނަކީ ވެސް މާބަނޑު މީހުން ކަމަށެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގައި ތާށިވި 698 އިންޑިއާ މީހުން އެގައުމަށް ފުރާފައިވާއިރު އިތުރު 202 މީހުންނާއެކު، އެ ގައުމުގެ ދެވަނަ މަނަވަރު މިއަދު ހަވީރު ރާއްޖެއިން ވަނީ ފުރައިފައެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ބުނި ގޮތުގައި އިންޑިއާގެ މަނަވަރު ކޮޗިންއަށް ދާން 36 ގަޑިއިރާއިި 48 ގަޑިއިރު ނަގާނެއެވެ. އަދި މިއަދު ހަވީރު ހައެއް ޖަހާކަން ހާއިރު ފުރި އެ މަނަވަރު ވެސް ދާނީ ކޮޗިން އަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟