ކުއްލި ޚަބަރު

އައްޑޫ މީހާ ކޮވިޑަށް ޕޮޒިޓިވްވި ކަމަށް ދެއްކީ ޓެސްޓުކުރުމުގައި ދިމާވި މައްސަލައަކުން ކަމަށް ބެލެވޭ: ޑރ. އަފްޒަލް

އަލީ ޔާމިން

އައްޑޫ މީހާ ކޮވިޑަށް ޕޮޒިޓިވްވި ކަމަށް ދެއްކީ ޓެސްޓުކުރުމުގައި ދިމާވި މައްސަލައަކުން ކަމަށް ބެލެވޭ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، ފޯލްސް ޕޮޒިޓިވްއަކީ ދުނިޔޭގެ ހުރިހާ ލެބޯޓަރީއެއްގައިވެސް ހިނގާ ކަމެއް ކަމަށާއި އެގޮތަށް ދިމާވަނީ ކޮންމެވެސް ދިމާލަކުން ކްރޮސް ކޮންޓާމިނޭޝަނެއްވެގެން ކަމަށެވެ.

ކްރޮސް ކޮންޓާމިނޭޝަނަކީ ވައިރަސް އަދި ބެކްޓީރިއާ އެއްތަނުން އަނެއްތަނަށް ބަދަލުވުމެވެ.

"މިފަދަ ޓެސްޓެއް ފޯލްސް ޕޮޒިޓިވްވުމަށް އެންމެ ގާތްކުރާ ސަބަބަކަށް އިންނާނީ ކޮންމެވެސް ދިމާލަކުން ކްރޮސް ކޮންޓާމިނޭޝަނެއްވުން. އޭގެ މާނައަކީ ސާމްޕަލް ނެގުމުގެ ތެރޭގައި ކްރޮސް ކޮންޓާމިނޭޓްވުން ނުވަތަ ސާމްޕަލް ލެބޯޓަރީގައި އެސެސްކުރުމުގައި ކްރޮސް ކޮންޓާމިނޭޝަނެއް ވުން،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ، ފޯލްސް ޕޮޒިޓިވް މަދުކުރުމަށް ކުރެވޭނެ ކަމަކީ، ޓެސްޓު ނަގާއިރު އަދި ސާމްޕަލްތައް ހިފައި ގެންގުޅޭއިރު އިތުރަށް ސަމާލުކަން ދިނުން ކަމަށެވެ.

އިއްޔެ އައްޑޫން މާލެ ގެނައި މީހެއްގެ ފުރަތަމަ ސާމްޕަލުން ޕޮޒިޓިވްވިއިރު އޭނާގެ ދެވަނަ އަދި ތިންވަނަ ސާމްޕަލުން ވަނީ ނެގެޓިވްވެފައެވެ. މީގެ ކުރިން މަނަދޫގައިވެސް ވަނީ މީހަކު ބައްޔަށް ޕޮޒިޓިވްވުމަށް ފަހު ދެވަނަ އަދި ތިންވަނަ ސާމްޕަލުން ބައްޔަށް ނެގެޓިވްވެފައެވެ.