ކުއްލި ޚަބަރު

ކޮވިޑު ޖެހިފައިވާ ފުރަތަމަ މީހާ ރާއްޖޭން ފެނުމުގެ ކުރީން މި ބަލި މުޖުތަމައަށް ފެތުރިފައި އޮންނާނެ ކަމަށް ބެލެވޭ

ކޮވިޑު ޖެހިފައިވާ ފުރަތަމަ މީހާ ރާއްޖޭން ފެނުމުގެ ކުރީން މި ބަލި މުޖުތަމައަށް ފެތުރިފައި އޮންނާނެ ކަމަށް ބެލެވޭ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ ފުރަތަމަ ކޭސްގެ ކޮންޓެކްޓް ޓްރޭސިންގެ މުއްދަތަށް ބަލާއިރު އެ މުއްދަތުގެ ތެރޭގައި ފުދޭވަރަކަށް ބަލި ފެތުރިފައި ހުންނާނެ ކަމަށާއި ނުވަތަ އެ ހިސާބުން ފެށިގެން އެއޮތީ ފެތުރެން ފަށާފައި ކަމަށެވެ.

"އަޅުގަނޑުމެންގެ މިހާރުގެ ވިސްނުމަކީ އެކެއްގެ ކިބައިން ފެތުރުން އެކަށީގެންވަނީ އަޅުގަނޑުމެންގެ ތަފާތު މަލްޓިޕަލް ފޯކަސްތަކަކުން އައިސް ފެތުރިގެން ދިއުމޭ. އެހެންނަމަވެސް ފެންނަ ކޭސަސްތައް ފެނިފައިވާ މުއްދަތުން ފެށިގެން ބަލައިފި ނަމަ، މި ކަންތައްތައް ހިނގާފައިވަނީ ގާތްގަނޑަކަށް އެއް ޓައިމް ޕީރިއަޑެއްގެ ތެރޭގައި. އެހެންވީމާ އެގޮތުން ބަލާއިރު އަޅުގަނޑަށް ބުނެވޭނީ އަޅުގަނޑުމެންގެ ކޭސަސްތައް ފެނުމުގެ އެ ހިސާބު ކައިރީގައޭ އަޅުގަނޑުމެންގެ ކޮމިއުނިޓީ ސްޕްރެޑް ވެސް ފެށިފައިވާނީ. ލަފާކުރެވެނީ އެގޮތަށް،" އޭނާ ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ ސާރީ ކޭސްތަކާއި ނިއުމޯނިއާ ކޭސްތައް މިދިޔަ ޑިސެމްބަރު، ޖެނުއަރީ ހިސާބުން ޓްރެކްކުރަން ފަށާފައިވާ ކަމަށާއި ޓެސްޓިން ކެޕޭސިޓީ ލިބުމާއެކު އަވަހަށް ޓެސްޓުކުރުމުގެ މަސައްކަތް ވެސް ފަށާފައިވާނެ ކަމަށެވެ.

"އެހެންވީމާ އޭރުވެސް އެއޮތީ ސަވެއިލަންސްގެ މަސައްކަތް ފެށިފައި މިކަމަށް. ހަގީގަތުގައި އަޅުގަނޑުމެންނަށް ކޭސްތައް ފެންނަން ފެށި ހިސާބުންނޭ އަޅުގަނޑު ބުނާނީ ރާއްޖޭގައި ބަލި ފެތުރިފައި އޮތީ." އޭނާ ވިދާޅުވިއެވެ.

މާލެއިން ކޮވިޑަށް ޕޮޒިޓިވް ފުރަތަމަ މީހާ ފެނިފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން މާލެ ލޮކްޑައުންކޮށް، އެއް ރަށުން އަނެއް ރަށަށް ދަތުރުނުކުރެވޭ ގޮތަށް މުޅި ރާއްޖެ ވެސް ވަނީ ލޮކްޑައުންކޮށްފައެވެ. އޭގެ އިތުރުން ވެސް ބަލި ފެތުރުން ކޮންޓްރޯލުކުރުމަށް ސަރުކާރުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.