ކުއްލި ޚަބަރު

ރާއްޖޭގައި ކޮވިޑު ޖެހުނު މީހުންގެ ތެރޭން އިތުރު އެކަކު ރަނގަޅުވެ ފަސޭހަވީ މީހުންގެ އަދަދު 30 އަށް އަރައިފި

ރާއްޖޭގައި ކޮވިޑު ޖެހުނު މީހުންގެ ތެރޭން އިތުރު އެކަކު ރަނގަޅުވެ ފަސޭހަވީ މީހުންގެ އަދަދު 30 އަށް އަރައިފިއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑޮކްޓަރު އިބްރާހިމް އަފްޒަލް ވިދާޅުވީ، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި އިތުރު މީހަކު ފަރުވާއަށްފަހު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އޭނާއަކީ ކޭސް ނަންބަރު 86 ކަމަށް ވެސް ޑޮކްޓަރު ވިދާޅުވިއެވެ.

އެޗްޕީއޭ އިން އަޕްޑޭޓް ކުރަމުން އަންނަ ކޮވިޑް 19ގެ ޑޭޝްބޯޑަށް ބަލާއިރު ކޭސް 86 އަކީ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ބައްޔަށް ޕޮޒިޓިވް ވެފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ

ޑޮކްޓަރު އަފްޒަލް ވިދާޅުވި ގޮތުގައި، މާލެއިން ކޮމިއުނިޓީ ސްޕްރެޑެއް ފެށުމުގެ ކުރިން ކޮވިޑަށް ޕޮޒިޓިވްވި އެންމެން ވެސް މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ.

މިއަދު ބަލިން ރަނގަޅުވި މީހާއާއެކު ރާއްޖެއިން ކޮވިޑަށް ފަރުވާ ހޯދުމަށްފަހު މިހާތަނަށް ރަނގަޅުވި މީހުންގެ ތެރޭގައި ހިމެނެނީ 17 ދިވެހިންނާއި 13 ބިދޭސީންނެވެ.

މާލެއިން ކޮވިޑް ޖެހިފައިވާ މީހަކު ފެނި، ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސްފައިވާކަން ސަރުކާރުން ހާމަކުރީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ.

ރާއްޖޭގައި މިހާތަނަށް 835 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާއިރު 460 މީހުންނަކީ ބަންގުލަދޭޝް މީހުންނެވެ. އެއީ ޖުމްލަ އަދަދުގެ 55 ޕަސެންޓެވެ. ދިވެހިންގެ ތެރެއިން ބަލި ޖެހިފައިވަނީ 279 މީހަކަށެވެ.

ދެން ހިމެނެނީ އިންޑިއާގެ 63 މީހުންނާއި އިޓަލީގެ 11 މީހަކާއި ނޭޕާލްގެ 10 މީހަކާއި ސްރީ ލަންކާގެ ފަސް މީހެއް އަދި ޕާކިސްތާނުގެ ތިން މީހެކެވެ. އަދި ނިސްބަތްވާ ވަކި ގައުމެއް ނޭނގޭ ހަތަރު މީހަކު ވެސް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.