އިންޑިއާގެ އެހީގައި 580 ޓަނުގެ ކާބޯތަކެތި މިމަހު 12 ވަނަ ދުވަހު ރާއްޖެއަށް ގެންނާނެ ކަމަށް ކޮވިޑް 19އާގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ، އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ފޯރުކޮށްދޭ ކާބޯތަކެތީގެ ތެރޭގައި ކާޑުގެ ބާވައްތަކާއި މުގު، ފިޔާ އަދި އަލުވި ހިމެނޭ ކަމަށެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބުނީ، އިންޑިއާއިން ފޮނުވާ އެ އެހީއަކީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު ފޯނު މެދުވެރިކޮށް ބޭއްވެވި މަޝްވަރާތަކާ ގުޅިގެން ކަމަށެވެ.
އެގޮތުން އެތަކެތި ހިފައިގެން ރާއްޖެ އަންނާނީ އިންޑިއާގެ މަނަވަރެކެވެ. އަދި އެ މަނަވަރުގައި ރާއްޖެއަށް ގެންނަ ކާބޯތަކެތީގެ ޝިޕްމަންޓުގައި ހިމެނޭނީ:
އިންޑިއާ ހައި ކޮމިޝަނުން ބުނީ، އިންޑިއާގެ ރައްޔިތުންގެ ފަރާތުން ރާއްޖޭގެ ރައްޔިތުންނަށް ފޮނުވާ އެ އެހީއަކީ މި ބަރަކާތްތެރި ރަމަސާން މަހުގައި ދެވޭ، ދެގައުމުގެ އެކުވެރިކަން ރަމްޒު ކޮށްދޭ ހަދިޔާއެއް ކަމަށާއި އަދި އެއީ ދެގައުމުގެ މެދުގައިވާ ގާތް ގުޅުމުގެ އިތުރު ހެއްކެއް ކަމަށް ވެސް ވިދާޅުވިއެވެ.
ކޮވިޑް 19އާ ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގައި އިންޑިއާއިން ވަނީ ފާއިތުވެދިޔަ ދެ މަސް ދުވަހުގެ ތެރޭގައި އެކި ގޮތްގޮތުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
އެގޮތުން ސިއްހީ މާހިރުންގެ ޓީމެއް ރާއްޖެއަށް ފޮނުވުމާއި ބޭހުގެ ޝިޕްމަންޓުތައް ފޮނުވުމުގެ އިތުރުން ވޫހާންގައި ތާށިވެފައި ތިބި ދިވެހިން އަނބުރާ ރާއްޖެއަށް ގެނެސްދިނުން ހިމެނެއެވެ.