ކުއްލި ޚަބަރު

ޕީސީއާރް ޓެސްޓް ކިޓުގެ އިތުރު 5000 ޓެސްޓް ކިޓު މާދަން ލިބޭނެ: މަބްރޫކް

ޕީސީއާރް ޓެސްޓް ކިޓުގެ އިތުރު 5000 ޓެސްޓް ކިޓު މާދަން ލިބޭނެ ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ އެ ޓެސްޓު ކިޓުތަކަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން ފޯރުކޮށްދޭ ޓެެސްޓު ކިޓުތަކެއް ކަމަށެވެ. އަދި މިއަދު ވެންޓިލޭޓަރުތަކެއް ރާއްޖެ އައިސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ޑަބްލިޔުއެޗްއޯގެ ފަރާތުން ފޯރުކޮށްދޭ 5000 ޓެސްޓު ކިޓެއް މާދަމާގެ ވަގުތެއްގައި ރާއްޖެ އަންނާނެ. މެޑްޓެކްގެ ފަރާތުން ގެންނަން އެގްރިމަންޓް ހަދާފައިވާ ވެންޓިލޭޓަރުގެ ތެރެއިން 18 ވެންޓިލޭޓަރެއް މިއަދު ހެނދުނު ވަނީ ރާއްޖެއަށް އައިސްފައި،" އޭނާ ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ އިންޑިއާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދޭ ތަކެތި ހިފައިގެން އިންޑިއާގެ ބޯޓެއް އަންނަ އަންގާރަ ދުވަހު ރާއްޖެއަށް ބޯޓެއް އައުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ބޯޓުން ޖުމްލަ 580 ޓަނުގެ ތަކެތި ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހަނޑޫ، ފުށް، ހަކުރު، މުގު، ފިޔާ އަދި އަލުވި ހިމެނޭކަން މަބްރޫކު ފާހަގަކުރެއްވިއެވެ.

ކޮވިޑާ ގުޅިގެން ގިނަ ގައުމުތަކަކުން އަންނަނީ ރާއްޖެއަށް އެހީ ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި އިންޑިއާ އާއި ޗައިނާގެ ސަރުކާރުން ފޯރުކޮށްދޭ ހިލޭ އެހީ ފާހަގަކޮށްލެވެއެވެ. އޭގެ އިތުރުން ވެސް ބޭރުގެ ބައެއް ވިޔަފާރިވެރިން ވެސް ރާއްޖެއަށް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.