ކުއްލި ޚަބަރު

އިތުރު 45 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 835 އަށް އަރައިފި

އިތުރު 45 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 835 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ބަންގުލަދޭޝްގެ 22 މީހަކާއި ދިވެހި 20 މީހަކު ހިމެނޭ ކަމަށެވެ. ދެން ހިމެނެނީ އިންޑިއާގެ މީހަކާއި ނޭޕާލްގެ މީހެކެވެ.

މިއީ މިއަދުގެ މިހާތަނަށް ކޮވިޑް 19 އަށް ޕޮޒިޓިވްވިކަން އެޗްޕީއޭ އިން ހާމަކުރި ފުރަތަމަ މީހުންނެވެ.

މި 45 ކޭސްއާއެކު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި ބިދޭސީންގެ އަދަދު ވަނީ 552 އަކަށް އަރައިފައެވެ. އޭގެ ތެރެއިން ގިނައީ ބަންގުލަދޭޝް މީހުންނެވެ. އެއީ 460 މީހުންނެވެ.

މިއަދު ފެނުނު ކޭސްތަކާއެކު ދިވެހިންގެ ތެރެއިން މިބަލި ޖެހުނު މީހުންގެ އަދަދު ވެސް މިވަނީ 279 އަށް އަރައިފައެވެ. އަދި އިންޑިއާގެ 63 މީހަކަށް ބަލި ޖެހިފައިވާއިރު ނޭޕާލްގެ 10 މީހަކަށް ވެސް ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވްވެފައެވެ.

ދެން ހިމެނެނީ އިޓަލީގެ 11 މީހަކާއި ސްރީ ލަންކާގެ ފަސް މީހަކާއި ޕާކިސްތާނުގެ ތިން މީހެއް އަދި ނިސްބަތްވާ ގައުމެއް ނޭނގޭ ހަތަރު މީހެކެވެ.

ރާއްޖޭގައި ކޮވިޑް 19 ޖެހިގެން މިހާތަނަށް މަރުވެފައިވަނީ ތިން މީހެކެވެ. އެއީ ދެ ދިވެހިންނާއި ބަންގުލަދޭޝް މީހެކެވެ. އަދި ބަލި ޖެހުނު މީހުންގެ ތެރެއިން 16 ދިވެހިންނާއި 13 ބިދޭސީއަކާއެކު ޖުމްލަ 29 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.