ކުޑަކުދިންގެ ދުވަސް

ގޭގައި ތިބެން ވަގުތުލިބުމަކީ މައިންބަފައިންނާއި ދަރިންގެ ގުޅުން ވަރުގަދަކުރުމަށް ލިބުނު ފުރުސަތެއް: ޖެންޑާ

އައިދާ އަބްދުލް ހަކީމް

ކޮވިޑް 19 އާ ގުޅިގެން ގޭގައި ތިބުމަށް މި ލިބުނު ފުރުސަތަކީ ދަރިންނާއި މައިންބަފައިންގެ ދެމެދުގައި އޮތް ގުޅުން ވަރުގަދަކޮށް، ކުދިން ދިރިއުޅުމަށް ކުރިމަތިލުމަށް ބޭނުންވާ ރީތި އަދަބުތައް ދަސްކޮށްދޭނެ ދުވަސްކޮޅަކަށް ހެދުމަށް ޖެންޑާ މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

މިއަދު ފާހަގަ ކުރަމުން އަންނަ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި އެމިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ ކުދިންނަށް ސިއްހީ ދުޅަހެޔޮކަން ދެއްވައި، ބާއްޖަވެރި އުފާވެރި މުސްތަގުބަލަކަށް އެދޭ ކަމަށާއި ކުޑަކުދިންގެ މައިންބަފައިންގެ ފަރާތުން ދެއްވާ ކެތްތެރިކަމަށް ޝުކުރު އަދާކުރާ ކަމަށެވެ.

އެމިނިސްޓްރީން ވަނީ ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ހުރިހާ ލޮބުވެތި ކުޑަކުދިންނަށް ފޮނުވައިފައެވެ. އަދި ކޮވިޑް 19ގެ މި އުނދަގޫ ދުވަސްވަރު ކުދިން ގޭގައި ތިބެ ކުރާ ހިތްވަރު އެމިނިސްޓްރީން ފާހަގަކުރާ ކަމަށްވެސް ބުނެފައިވެއެވެ.

މިއަދަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރާ ކުޑަކުދިންގެ ދުވަހުގެ އިތުރުން މަންމައިންގެ ދުވަސްވެސް މެއެވެ.