މިންހާ ފާއިޒް ރަޝާދު
ރެސްޓޯރަންޓުތަކަށް ދިއުމުގެ ކުރިން ރިޒަވޭޝަން ނުވަތަ ކުރީބައިގައި ބުކިން ހެދުމަކީ އާ ކަމެއްނޫނެވެ. ނަމަވެސް ބީޗަށް ދާން ބުކިން ހަދަން ޖެހުން މިއީ އެންމެނަށްވެސް އާކަމަކަށް ވާނެއެވެ.
އެކަމަކު މިއީ ލޮކްޑައުނަށްފަހު ގައުމުތައް ހުޅުވަމުން އަންނައިރު ބައެއް ގައުމުތަކުގައި ކުރަން ނިންމާފައިވާ ކަމެކެވެ. އެގޮތުން ސްޕެއިންގައި މި ހޫނު މޫސުމުގައި ބީޗަށް ދާން ބޭނުންވާ މީހުން ޖެހެނީ ކުރިޔާލައި ބުކިން ހަދާށެވެ.
ސްޕެއިންގެ މެޑިޓެރިއެން ޓައުނެއްގެ ބީޗުގައި އިޖުތިމާއީ ގައިދުރުކަން ކަށަވަރު ކުރުމަށް ދުވާލަކަށް ވައްދަނީ އެންމެ 5000 މީހުނެވެ. އެއީ އާންމުކޮށް އެ ބީޗަށް ދާ މީހުންގެ ދެބައިކުޅަ އެއްބައެވެ.
ބީޗުގައި މީހުންނަށް ގޮޅި ވަކިކޮށްފައިވާއިރު އެތަންތަން ބުކް ކުރެވޭނީ އެޕް މެދުވެރިކޮށެވެ. ކޮންމެ މީހަކަށްވެސް ނެގޭނީ ހެނދުނު ނުވަތަ އިރުއޮއްސޭ ވަގުތެވެ. މުޅިދުވަހަށް ބުކިންއެއް ނުހެދޭނެއެވެ. މިއީ ފިލްމު ތިއޭޓަރެއްގައި ބޭނުންވާ ސީޓު ނަގާހެން ބީޗުން ސްލޮޓް ނެގުން ފަދަ ކަމެކެވެ.
"މި ހޫނު މޫސުމުގައި ތަފާތުވާނެ. އެކަކު އަނެކަކާ ގައިދުރުކަން ބަހައްޓައިގެން ބީޗުގައިވެސް އުޅެވޭނީ. މިއީ ބިޒްނަސް ކްލާސް ބީޗެކޭ ބުނެވިދާނެ" އެޓައުންގެ މޭޔަރު ސީއެންއެންއަށް ދިން އިންޓަވިއުއެއްގައި ވިދާޅުވިއެވެ.
މި ބީޗަކީ ސްޕެއިންގައި މިގޮތަށް އަމަލު ކުރަން ނިންމި ހަމައެނި ބީޗެއް ނޫނެވެ. އެހެން ބައެއް ބީޗުތަކުގައި "ފަސްޓްކަމް ފަސްޓް ސާވްޑް" ބޭސިސްގައި ފުރަތަމަ އަންނަ ވަކި އަދަދެއްގެ މީހުން ބޭނުން ކުރާގޮތަށް މީހުން ވައްދަން ވަނީ ނިންމާފައެވެ.
"ފަތުރުވެރިކަމަކީ ގައުމުގެ އިގްތިސާދުގެ 80 ޕަސެންޓް، އެހެންވީމަ އެމީހުނަށް ރައްކާތެރިކަން ލިބޭ ގޮތްގޮތަށް އެބަޖެހޭ ކަންކަން ރޭވެން، މީ ސިއްހީ ކަމެއް. އެންމެން ފަރުދީ ޒިންމާ ނެގުން މުހިންމު" މޭޔަރު ބުންޏެވެ.
ސްޕެއިނަކީ ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން ކޮވިޑްގެ އަސަރު އެންމެ ބޮޑަށް ކުރި ފަސް ގައުމުގެ ތެރެއިން އެއް ގައުމެވެ. ލޮކްޑައުނަށް ލުއި ލިބުމާއެކު މީހުންތައް ހޭލަމޭލަވެ އުޅެން ފަށާފައިވާއިރު ދެވަނަ ރާޅެއް އައިސްދާނެ ކަމުގެ ބިރުވެސް އެބައޮތެވެ. އެހެންކަމުން މާސްކު އެޅުމާއި އިޖުތިމާއީ ގައިދުރުކަން ދެމެހެއްޓުން އަދިވެސް މުހިންމެވެ.