އިތުރު ފަސް މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 790 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އެންމެ ފަހުން ޕޮޒިޓިވްވި ފަސް މީހުންނަކީ ވެސް ބަންގުލަދޭޝްގެ މީހުން ކަމަށެވެ.
އިތުރު ފަސް މީހަކު ޕޮޒިޓިވްވުމާއެކު މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 46 އަށް އަރައިފައެވެ. އެ މީހުންގެ ތެރޭގައި ހިމެނެނީ 17 ދިވެއްސަކާއި ބަންގުލަދޭޝްގެ 16 މީހަކާއި އިންޑިއާގެ ދެ މީހަކާއި ނޭޕާޅުގެ މީހެކެވެ.
އައްޑޫން ރޭ ދަންވަރު މާލެ ގެނެސް ހެދި ޓެސްޓުތަކުން ކޮވިޑަށް ޕޮޒިޓިވްވި މީހާގެ ފަހު ދެ ޓެސްޓް ކޮވިޑަށް ނެގެޓިވްވެފައިވާ ކަމަށް ވެސް މިރޭ އެޗްޕީއޭ އިން ވަނީ ހާމަކޮށްފައެވެ. އައްޑޫން ޕޮޒިޓިވްވި މީހާއަކީ ހާޓްއެޓޭކެއް ޖެހިގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންދިއުމަށް ފަހު އިތުރު ފަރުވާއަށް މާލެ ގެނައި 40 އަހަރުން މަތީގެ ދިވެހި ފިރިހެނެކެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ފަރުވާއަށް އައިޖީއެމްއެޗަށް ގެނެސް ހެދި ޓެސްޓުންނެވެ.
ރާއްޖެއިން ޕޮޒިޓިވްވި 790 މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައިވަނީ 29 މީހެކެވެ. އަދި އެ ބަލީގައި ރާއްޖެއިން މަރުވެފައިވަނީ ތިން މީހެކެވެ. އެއީ ދެ ދިވެއްސަކާއި ބަންގުލަދޭޝްގެ މީހެކެވެ.