އަލީ ޔާމިން
އައްޑޫން ރޭ ދަންވަރު މާލެ ގެނެސް ހެދި ޓެސްޓު ތަކުން ކޮވިޑަށް ޕޮޒިޓިވް ވި މީހާގެ ފަހު ދެ ޓެސްޓް ކޮވިޑް 19 އަށް ނެގެޓިވް ވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ދެންމެ ކުރި ޓުވީޓެއްގައި ބުނީ، އައްޑޫ އިކުއިޓޯރިއަލްއިން ރޭ އައިޖީއެމްއެޗަށް ޓްރާސްފާކުރި ބަލި މީހާ ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް، އޭނާގެ ފަހު ދެ ޓެސްޓުން ކޮވިޑަށް ނެގެޓިވްވެފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އޭނާގެ ނަތީޖާ ނެގެޓިވްވުމުން ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް-11 އިން އެހެން ތަނަަކަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަަމުންނެވެ.
އައްޑޫން ޕޮޒިޓިވްވި މީހާއަކީ ހާޓްއެޓޭކެއް ޖެހިގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންދިއުމަށް ފަހު އިތުރު ފަރުވާއަށް މާލެ ގެނައި 40 އަހަރުން މަތީގެ ދިވެހި ފިރިހެނެކެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވް ވިކަން އެނގުނީ ފަރުވާއަށް އައިޖީއެމްއެޗަށް ގެނެސް ހެދި ޓެސްޓުންނެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުންވެސް ވަނީ އޭނާގެ ދެވަނަ ޓެސްޓެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.
އެމީހާ ބައްޔަށް ޕޮޒިޓިވްވުމުން މިއަދު އައްޑޫ ސިޓީ ވަނީ 14 ދުވަހަށް ލޮކްޑައުންކޮށްފައެވެ.