މާލޭން ދާ މީހުން ރަށްރަށުގައި ކަރަންޓީނު ނުކުރަން ނިންމާފައިވާ ކަމަށާއި ކަރަންޓީނު ކުރާނީ ހަމައެކަނި ރިސޯޓުތަކުގައި ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ ކުރިއަށް މިއޮތް ދުވަސްތަކުގެ ތެރޭގައި އިތުރުގޮތެއް ނިންމެންދެން ރަށްރަށަށް ފޮނުވާ މީހުން ކަރަންޓީނު ކުރުމުގައި ބޭނުންކުރާނީ ޓްރާންސިޓް ކަރަންޓީނު ފެސިލިޓީތައް ކަމަށެވެ.
"އޭގެ މާނައަކީ އަޅުގަނޑުމެން މިހާރު ޓްރާންސިޓް ކަރަންޓީނު ފެސިލިޓީތަކަށް ނެގިފައި ހުރި ރިސޯޓުތަކުގައި ކެޕޭސިޓީ ހުރި ވަރަކުން އެތަންތަނަށް މީހުން ގޮސް 14 ދުވަސް ހަމަކޮށް، ޓެސްޓު ހެދުމަށްފަހު ނޫނީ އެބޭފުޅުން ރަށަކަށް ވަޑައެއް ނުގަންނަވާނެ. ރަށްރަށުގެ ކަރަންޓީނު ފެސިލިޓީތަކަށް ދެނެއް ނުދާނެ. މިބުނާ ގޮތަށް ސްޓްރެޓެޖީ ބަދަލުކުރެވިފައިވަނީ،" އޭނާ ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ މިހާރު މިއޮތް ހާލަތުގައި މާލެއިން ބޭރަށް ފުރައިގެން އިތުރު ގޮތަކަށް، ހާއްސަ ހުއްދައެއް ނެތި ދެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށާއި ކޮމިއުނިޓީ ސްޕްރެޑުގެ ބިރު އޮންނަ ރަށްރަށަށް މިހާރުވެސް ޓެގް ޓީމުގެ ބޭފުޅުންނާއި މިނިސްޓަރު ލެވެލްގެ ބޭފުޅުން ވަޑައިގެން މަޝްވަރާކޮށް، އެ ރަށްރަށުގެ ކަންތައްތައް ހަރުދަނާކުރަމުން އަންނަ ކަމަށެވެ.