އަލީ ޔާމިން
ރާއްޖޭގައި 100 ވެންޓިލޭޓަރު އެބަހުރި ކަމަށާއި އެންމެންވެސް މިތިބީ ރިހޭފައިމަތީގައި ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ކޮވިޑުގެ ސަބަބުން މުޅި ދުނިޔެ އޮތީ ބަލިފައި މައްޗަށް ވެއްޓިފައި ކަމަށެވެ. އަދި ބަލިން ރައްކާތެރިވެ، ބަލި ޖެހޭ މީހުންނަށް ފަރުވާ ދެވޭނެ ވަސީލަތްތައް ގާއިމުކުރުމަށް ރާއްޖެއިން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ، މާލޭ ސަރަހައްދުގައި ގާއިމުކުރާ އައިސީޔޫ އެނދުތަކުގެ އިތުރުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި 112 އައިސީޔޫ އެނދު ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ފެސިލިޓީތަކަށް ބޭނުންވާ ވެންޓިލޭޓަރުތައް ރާއްޖެ ގެނެސް ސެކުއާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މިހާތަނަށް ރާއްޖޭގައި 100 އެއްހާ ވެންޓިލޭޓަރު އެބަހުރި ކަމަށެވެ.
"ރާއްޖޭގައި މިހާރު 100 ވަރަކަށް ވެންޓިލޭޓަރު އެބަހުރި. އަދި އިތުރު ވެންޓިލޭޓަރު ހޯދުމަށް މާޗު މަހުގެ ތެރޭގައި ގާތްގަނޑަކަށް ހުރިހާ އެގްރީމެންޓުތައް މިހުރީ ހަދާފައި. އެމެރިކާ ފަދަ ގައުމުތަކުންވެސް އެއުޅެނީ ބޭނުންވާ ވަރަށް ވެންޓިލޭޓަރު ނުލިބިގެން. ހަމަ ހުރިހާ ގައުމުތަކުގެ ހާލަކީވެސް އެއީ،" މަބްރޫކް ވިދާޅުވިއެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅުވީ، އިޓަލީ ފަދަ ގައުމުތަކުގައި ވެންޓިލޭޓަރު މަދުވުމުން ވެންޓިލޭޓަރަށް ލައިފައިވާ އުމުރުން ދުވަސްވީ މީހުންނާއި، ބޮޑެތި ބަލިތަކުގެ މީހުން ވެންޓިލޭޓަރުން ނަގަމުން އަންނަ ކަމަށެވެ. އަދި އެމީހުން ނަގަނީ ބަލި ޖެހޭ ޒުވާނުންގެ ފުރާނަ ސަލާމަތް ކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ، ރާއްޖޭގައި ތިބީ 900އެއްހާ ޑޮކްޓަރުން ކަމަށާއި، އެހެންކަމުން އެ އަދަދު އިތުރު ކުރުމަށް ރާއްޖެއިން ބޭރުގައި ތިބި 100އަށް ވުރެ ގިނަ މެޑިކަލް ކިޔަވާ ކުދިން ސަރުކާރުގެ ހަރަދުގައި ރާއްޖެ ގެނެސްފައިވާނެ ކަމަށެވެ.