ކުއްލި ޚަބަރު

ކޮވިޑަށް ޓެސްޓު ހެދި ނިސްބަތުން ރާއްޖެއަކީ ސާކުގެ އެއްވަނަ، އޭޝިއާގެ ވެސް ޓޮޕް 5 ގައި ހިމެނޭ: މަބްރޫކް

ކޮވިޑަށް ޓެސްޓު ހެދި ނިސްބަތުން ރާއްޖެއަކީ ސާކުގެ އެއްވަނަ، އޭޝިއާގެ ވެސް ޓޮޕް 5 ގައި ހިމެނޭ ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް، ކޮވިޑުން ރައްކާތެރިވުމަށް ސަރުކާރުން އެޅި މުހިންމު ފިޔަވަޅުތަކުގެ ސަބަބުން ބަލި ރާއްޖެ އައުން ވަރަށް ބޮޑަށް ލަސް ކުރެވުނު ކަމަށެވެ.

މަބްރޫކް ވިދާޅުވީ، ކޮވިޑުގެ ސަބަބުން، މުޅި ދުނިޔެ ބަލިފައި މައްޗަށް ގޮސްފައިވާ ކަމަށާއި، އެއްވެސް ގައުމަކަށް މި ބަލިމަޑުކަމުން ފަސޭހައިން އަރައިގަނެވިފައި ނުވާ ކަމަށެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ، ގައުމެއްގެ ގޮތުގައި ކޮވިޑް 19އިން ރައްކާތެރިވުމަށް ރާއްޖެއިން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި އެގޮތުން ރާއްޖެއަކީ ސާކް ސަރަހައްދުން އެންމެ ގިނަ ޓެސްޓު ހެދި ގައުމު ކަމަށެވެ.

"ސާކް ސަރަަހައްދުގައި ރާއްޖެއާ ގާތްކުރާ އަދަދެއްވެސް ޓެސްޓު ހެދި ހަމައެއްވެސް ގައުމެއް ނެތް. އޭޝިއާއަށް ބަލައިފިކަމަށް ވަންޏާ އޭޝިއާގެ އެންމެ ރަނގަޅަށް މިކަން ކުރި ފަސް ގައުމުގެ ތެރޭގައި ރާއްޖެ ހިމެނޭ. ދުނިޔޭގެ ނިސްބަތުންވެސް ޓޮޕް 25 ޕަސަންޓުގެ ތެރޭގައި ޓެސްޓު ކުރެވޭ ނިސްބަތުން ރާއްޖެ ހިމެނޭނެ،" މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި ޓެސްޓިން ކެޕޭސިޓީ އިތުރު ކުރެވޭނެ ކަމަށާއި، އެގޮތުން އެ މަސައްކަތް ކުރުމަށް އެކްސްޓޭކްޝަން މެޝިނަކާއި، ޖީއެންއެސްޕާޓް މެޝިންތަކަށް ލައްވާ ކާޓްރިޖް ގެނެވުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށެވެ. މަބްރޫކް ވިދާޅުވީ، އޭގެ 25،000 ކާޓްރިކް މިމަސް ނިމޭ ހިސާބުގައި ރާއްޖެ އަށް ލިބޭނެ ކަމަށެވެ.