ކުއްލި ޚަބަރު

ފަސް ރީޖަނަލް ހޮސްޕިޓަލުގައި ވެސް ކޮވިޑަށް ޓެސްޓުކުރެވޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަނީ

ފަސް ރީޖަނަލް ހޮސްޕިޓަލުގައި ވެސް ކޮވިޑަށް ޓެސްޓުކުރެވޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ސަރުކާރުން ބުނެފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑުގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅައިފައި ހުންނަވާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުން އަންނަ އެކްސްޓޭކްޝަން މެޝިން ގެނެވުމުން 600 ނުވަތަ އެއަށްވުރެ ގިނަ އަދަދަކަށް ކޮންމެ ދުވަހަކު ޓެސްޓު ކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން އިތުރު މެޝިންތަކެއްވެސް ގެނެވުމަށް މަސައްކަތް ކުރެވެމުން އަންނަ ކަމަށާއި އެ މެޝިންތަކާއެކު ރާއްޖޭގެ ފަސް ރީޖަނަލް ހޮސްޕިޓަލުގައިވެސް ކޮވިޑަށް ޓެސްޓު ކުރެވޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

"ޓެސްޓު ކުރުން އިތުރުކުރުމަށްޓަކައި ޓީޓީއެޗްގައި ޓެސްޓުކުރުމަށްޓައި މެޝިނެއް އެބަ ގެނެވޭ. އަދި ރާއްޖޭގެ ކަންކޮޅުތަކުގައި ޖީން އެކްސްޕާޓް މެޝިންގެ އިތުރުން އިތުރު މެޝިންތަކެއް ބެހެއްޓުމަށް މަސައްކަތް ކުރެވެމުން އެބަދޭ. އެއީ މާގިނަ ލެބް ޓެކްނީޝަނުންނާ ނުލައި އަޅުގަނޑުމެންގެ މިހުރި ފަސް ރީޖަންގައި ޓެސްޓުތައް ހެދޭނެ އިންތިޒާމުތައް ކުރެވޭ." މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، މި މަސް ނިމޭ ހިސާބުގައި ޖީން އެކްސްޕާޓް މެޝިނަށް ލައްވާ 25000 ކާޓްރިޖު ރާއްޖެ ގެނެވޭނެ ކަމަށެވެ. އޭރުން އަތޮޅުތެރޭގައިވެސް ކޮވިޑަށް ޓެސްޓު ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

ކޮވިޑަށް ފަރުވާކުރުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަތް މެޑިކަލް ފެސިލިޓީ ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.