އިތުރަށް ސާމަލުކަން ދިނުމަށް އިލްތިމާސްކުރާ ކަމަށާއި އޭރުން އަދިވެސް ޕީކު ކުޑަވެ އެނދުމަތިކުރެވޭ މީހުންގެ އަދަދު މަދުކުރެވޭނެ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، ޕީކަކަށް ދިއުމާއި ނުދިއުމަކީ ވެސް އާންމުންގެ އަހުލާގާ ގުޅިފައި އޮންނަ ކަމެއް ކަމަށެވެ.
އެގޮތުން ލޮކްޑައުންގެ މުއްދަތުގައި އަމަލު ކުރަންޖެހޭ ގޮތަށް އަމަލުތައް ބަހައްޓައި އަދި މީހުންނާ ދިމާވާއިރު ވެސް ފަރުވާތެރިކަން ބެހެއްޓިއްޖެނަމަ ބަލި ފެތުރޭ މިންވަރު ވެސް ކުޑަކުރެވި، ބަލި ޖެހޭ މީހުންގެ އަދަދު ގިނަވެ ޕީކަށް އެރުން ވެސް ކުޑަކުރެވޭނެ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.
ޑޮކްޓަރު އަފްޒަލް މިހެން ވިދާޅުވިއިރު، މިދިޔަ ބުރާސްފަތި ދުވަހު ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ ހާލަތު ކުރިއަށް ލަފާކުރެވޭ ގޮތާގުޅޭ ގޮތުން ޑރ. ޝީނާ މޫސާ ވިދާޅުވީ، މިމަހުގެ 31 ވަނަ ދުވަހު ޕީކަށް އަރާނެ ކަމަށް ބެލެވޭ ކަމަށާއި އެދުވަހު ގާތްގަނޑަކަށް ކޮވިޑަށް ޕޮޒިޓިވް 1600 އެއްހާ މީހުން ފެންނާނެ ކަމަށެވެ.
އަދި ރާއްޖޭގައި 77000 މީހުންނަށް ބަލި ޖެހޭނެ ކަމަށް ލަފާކުރެވޭއިރު ހޮސްޕިޓަލުގައި ޖުމްލަ 13500 އެއްހާ މީހުން އެޑްމިޓްކުރަން ޖެހޭނެ ކަމަށް ވެސް ޑރ. ޝީނާ އަންދާޒާ ކުރެއްވިއެވެ. އަދި ވިދާޅުވީ، ގާތްގަނޑަކަށް 5800 މީހުންނަށް އައިސީޔޫގައި ފަރުވާދޭން ޖެހިދާނެ ކަމަށެވެ.
ޑރ. އަފްޒަލް މިރޭ އިތުރަށް ވިދާޅުވީ، ސިއްހީ އިދާރާތަކުންނާއި ކަމާބެހޭ އިދާރާތަކުން ވެސް ތައްޔާރުވަމުން އަންނަނީ ޕީކުގައި ނުކުމެދާނެ ނަތީޖާއަކަށް ބަލައިގެން ކަމަށެވެ.
އެގޮތުން ޕީކަކަށް ދިއުމަކީ ދުވާލެއްގެ މައްޗަށް 1500 މީހަކަށް ކޮވިޑް ބެލި ޖެހިފައި ހުރުން ކަމަށް ބަލާއިރު އޭގެ ތެރޭގައި އެޑްމިޓްކޮށް ނުވަތަ ވެންޓިލޭޓަރަށް ލާންޖެހޭ އަދަދާއި އުމުރުން ދުވަސްވީ މީހުންގެ އަދަދު ބަލާނެ ކަމަށެވެ.
އޭގެ އިތުރުން އެ 1500 މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ މީހުންނަކީ ބަލީގެ އެއްވެސް އަލާމާތެއް ނެތް މީހުންނަށް ވާނެތީ، އެމީހުންނަށް ފަރުވާއެއްގެ ގޮތުން އެއްވެސް ފަރުވާއެއް ދޭން ނުޖެހޭއިރު އެމީހުން އެކަހެރިކޮށްފައި ބަހައްޓަންޖެހޭނެ ކަމަށް ވެސް ޑޮކްޓަރު ވިދާޅުވިއެވެ.