ކުއްލި ޚަބަރު

މިމަސް ނިމޭ ހިސާބުގައި ޖީން އެކްސްޕާޓުގެ 25000 ކާޓްރިޖު ލިބޭނެ: މަބްރޫކް

މިމަސް ނިމޭ ހިސާބުގައި ޖީން އެކްސްޕާޓުގެ 25000 ކާޓްރިޖު ލިބޭނެ ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން މިމަސް ނިމޭ ހިސާބުގައި އެ ކާޓްރިޖުތައް ފޯރުކޮށްދޭނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް މިހާރު މައުލޫމާތު ލިބެނީ ހެލްތު މިނިސްޓްރީގެ ފަރާތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މެއި މަސް ނިމޭހާ ތަނަށް 25،000 ޖީން އެކްސްޕާޓް ކާޓްރިޖް ޑަބްލިޔުއެޗްއޯގެ ފަރާތުން ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް،" އޭނާ ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ މިވަގުތަށް ބޭނުންވާ ވަރަށް މާސްކު ސްޓޮކުކުރެވިފައި އެބަހުރި ކަމަށާއި އެތަކެތި ފޯރުކޮށްދެނީ ވަކި ގޮތަކަށް ކޮންޓްރޯލްކުރެވިގެން ކަމަށެވެ އަދި އޭގެން ބޮޑު ބައެއް ހުރީ ސިއްހީ ބޭނުމަށް ނުވަތަ ކުރީ ސަފުގައި މަސައްކަތްކުރާ ބޭފުޅުންގެ ބޭނުމަށް ބެހެއްޓިފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެހެންވެ ކޮންމެވެސް ވަރެއްގެ ކޮންޓްރޯލަކާ އެކީ އެސްޓީއޯގެ ފަރާތުން އެތަކެތި ދޫކުރާނެ އަދި މިހާރު އޭގެން ބޮޑު ބައެއް އެހުރީ މެޑިކަލް ބޭނުމަށް ނުވަތަ ފްރަންޓްލައިނުގައި މަސައްކަތްކުރާ ބޭފުޅުންގެ ބޭނުމަށް ބެހެއްޓިފައި. މިކަމުގައި ޑޮކްޓަރުން ލަފާ އަރުވާފައިވަނީ މާސްކު އެއީ ހޯދަން އުނދަގޫ އެއްޗެއް ކަމަށްވަންޏާ ސާފުކޮށް ދޮވެފައި އޮންނަ ފޮތިކޮޅެއްވިޔަސް އަނގަޔާއި ނޭފަތް ނިވާކުރުން އެއީ މިވަގުތު ކަންތައް ކުރަން ޖެހޭ ގޮތް ކަމުގައި،" އޭނާ ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ ބައިނަލްއަގުވާމީ މާކެޓުގައި މާސްކު ހޯދަން އުނދަގޫވެފައިވުމުން އަމިއްލަ ވިޔަފާރިތަކުން އެތަކެތި ވިއްކުމަށް އުނދަގޫތަކެއް އެބަހުރި ކަަމަށާއި އެހެންނަމަވެސް މިވަގުތު މާސްކު ބޭނުންވާ ރަށްރަށަށް އަދި ކޮމިއުނިޓީ ސްޕްރެޑް ހުރި ތަންތަނަށް ބޭނުންވާ އަދަދަށް މިހާރު ވެސް މާސްކު ފޯރުކޮށްދެމުން އަންނަ ކަމަށެވެ.