ކުއްލި ޚަބަރު

ބޭރަށް ނުކުތުން އެއްކޮށް މަނާކޮށް، ޑެލިވަރީ ހުއްޓާލަން މަޝްވަރާއެއް ނުކުރޭ: މަބްރޫކު

ބޭރަށް ނުކުތުން އެއްކޮށް މަނާކޮށް، ޑެލިވަރީ ހުއްޓާލަން މަޝްވަރާ ނުކުރާ ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ ލޮކްޑައުން އިތުރަށް ހަރުކަށިކޮށް ގެއިން ނުނިކުމެވޭ ގޮތް ހަދައި، ޑެލިވަރީ ހެދުން ހުއްޓާލައި، ހުރިހާ ފިހާރައެއް ބަންދުކުރުމަށް ނިންމާފައިވާ ކަމަށް މެސެޖެއް ލިޔެ ދައުރުކުރާ ކަމަށާއި ނަމަވެސް އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

"މިއީ އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫން. އަޅުގަނޑުމެންގެ މި އަންނަ ސާޖަށް ތައްޔާރުވުމުގެ ގޮތުން ލޮކްޑައުންގެ ހާލަތު ގެންނަން ޖެހޭ ވަރަށް މިހާރު މިއޮތީ ގެނެވިފައި. އަދި އިތުރަށް ފިޔަވަޅެއް އެޅުމުގެ ކުރިން އަޅުގަނޑުމެން ދަތުރުކުރާ މިސްރާބު އެސެސް ކުރުމަށްފަހުގައި ފިޔަވަޅުތައް އަޅާނީ،" އޭނާ ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ ލޮކްޑައުން އިތުރަށް ހަރުކަށިކުރުމަށް އެފަދަ ކެމެއް ކުރުމުގެ އެއްވެސް މަޝްވަރާއެއް ސަރުކާރުން ނުކުރާ ކަމަށާއި މިހާރު މިއޮތީ ލޮކްޑައުންގެ ހާލަތު ގެންނަން ޖެހޭ ވަރަށް ކަމަށެވެ.

މިދިޔަ މާޗް މަހުގެ 15 ވަނަ ދުވަހު މާލެއިން ޕޮޒިޓިވް ކޭސްއެއް ފެނުމާއެކު މާލެ ލޮކްޑައުންކުރުމަށްފަހު، އޭގެ ފަހުން އެއް ރަށުން އަނެއް ރަށަށް ދަތުރުނުކުރެވޭ ގޮތް ހަދައި މުޅި ރާއްޖެ ވެސް ވަނީ ލޮކްޑައުންކޮށްފައެވެ. އަދި ކޮމިއުނިޓީ ސްޕްރެޑެއް އުޅޭ ރަށްރަށުގައި ބޭރަށް ނުކުމެ އުޅެވެނީ ހާއްސަ ހުއްދައެއް ނަގައިގެންނެވެ. އޭގެ އިތުރުން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރެވޭނީ ވެސް ހާއްސަ ހުއްދައަކާއެކުއެވެ.