ރާއްޖޭގައި ކޮވިޑު ޖެހުނު މީހުންގެ ތެރޭން 29 މީހަކު ރަނގަޅުވެއްޖެއެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19ގެ ހާލަތާ ގުޅޭ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައި ހުންނަ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެ މީހުންގެ ތެރެއިން މިހާތަނަށް 29 މީހަކަށް ބަލިން ޝިފާ ލިބިފައިވާ ކަމަށެވެ.
އެ މީހުންގެ ތެރޭގައި ހިމެނެނީ 16 ދިވެހިންނާއި 13 ބިދޭސީން ކަމަށް ވެސް މަބްރޫކު ވިދާޅުވިއެވެ. ނަމަވެސް އެމީހުންގެ ކޭސް ނަންބަރެއް ހާމައެއް ނުކުރެއެވެ.
މިއަދު 41 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 785 އަށް އަރައިފައެވެ. އެ މީހުންގެ ތެރޭގައި ހިމެނެނީ 257 ދިވެހިންނާއި 528 ބިދޭސީންނެވެ.
މަބްރޫކު ވިދަޅުވީ، ރާއްޖޭގައި މިހާތަނަށް 11،775 މީހަކު ކޮވިޑަށް ޓެސްޓު ކުރެވިފައިވާ ކަމަށެވެ. އަދި 438 މީހެއްގެ ސާމްޕަލް ނުލިބި ލެބޯޓަރީގައި އެބަހުރި ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާތަނަށް މަރުވެފައިވަނީ ތިން މީހެކެވެ. އެއީ ދެ ދިވެހިންނާއި ބަންގުލަދޭޝް މީހެކެވެ.