ކުއްލި ޚަބަރު

ރާއްޖޭގައި ކޮވިޑު ޖެހުނު މީހުންގެ އަދަދު 785 އަށް އަރައިފި

ރާއްޖޭގައި ކޮވިޑު ޖެހުނު މީހުންގެ އަދަދު 785 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ވަނީ، މިއަދުގެ މެންދުރު 2:00 އާ ހަމައަށް 22 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން ހާމަކޮށްފައެވެ. އޭގެ ތެރެއިން 16 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ ހަތަރު ބަންގުލަދޭޝް މީހުންނާއި އިންޑިއާގެ މީހަކާއި ނޭޕާލްގެ މީހެކެވެ.

އެ 22 މީހުންނާއެކު ރާއްޖޭގެ ޖުމްލަ 766 އަށް އަރާފައިވާ ކަމަށް އެޗްޕީއޭ އިން އޭރު ބުންޏެވެ.

ނަމަވެސް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19ގެ ހާލަތާ ގުޅޭ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ 785 ކަމަށެވެ.

އެއީ މިއަދު މެންދުރު އެޗްޕީއޭ އިން ހާމަކުރި އަދަދަށްވުރެ 19 ކޭސް އިތުރު އަދަދެކެވެ. އެހެންކަމުން މިއަދުގެ މިހާތަނަށް ރާއްޖޭގައި ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 41 އަށް އަރައިފައެވެ.

މަބްރޫކު ވިދާޅުވީ، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި އިތުރު ނުވަ މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އަދި އެ ނުވަ މީހުންނާއެކު ރާއްޖެއިން ބަލިން ރަނގަޅުވި އަދަދު މިހާރު ވަނީ 29 އަށް އަރައިފައެވެ. އެއީ 16 ދިވެހިންނާއި 13 ބިދޭސީންނެވެ.