އެމެރިކާގެ ޗިޕް ސަޕްލަޔަރެއްކަމަށްވާ ކުއަލްކޮމް އިންކް އިން އެޕަލް ކުންފުންޏަށް ޗައިނާގެ ކޯޓެއްގައި ކޮށްފައިވާ ދައުވާ ކާމިޔާބުކޮށް ގިނަ އައިފޯނުތަކެއް ޗައިނާގައި ނުވިއްކޭ ގޮތަށް ކޯޓުން ހުކުމް ކޮށްފިއެވެ.
މި ކުރި ހުކުމުގައި އައިފޯން މޮޑެލް ތަކުގެ ތެރެއިން 6 އެކްސް އިން ފެށިގެން އައިފޯނު އެކްސް އާ ހަމައަށް ކުރީގެ އެޕަލްގެ އޮޕަރޭޓިން ސިސްޓަމާ އެކު ދެން ޗައިނާގައި އައިފޯނެއް ނުވިއްކޭނެއެވެ.
ކުއަލްކޮމް އަކީ ދުނިޔޭގެ އެންމެ ބޮޑު ފޯނު ޗިޕް ސަޕްލައިޔަރުންގެ ތެރޭގައި ހިިމެނޭ ކުންފުންޏެކެވެ. އެ ކުންފުނިން ޗައިނާގެ ކޯޓެއްގައި އެފަލްއާ ދެކޮޅަށް ދައުވާ ކުރީ 2017 ވަނަ އަހަރު ފަހުކޮޅުއެވެ. މި މައްސަލައިގެ ހުކުމް ކޮށްފައިވަނީ އިއްޔެއެވެ.
ކޯޓު ހުކުމުގައި ވާ ގޮތުގައި އެޕަލް އިން ވަނީ ކުއަލްކޮމްގެ ސޮފްޓްވެއާ ޕެޓެންޓްސް ތަކަކާ ހިލާފުވެފައެވެ. އޭގެ ތެރޭގައި ފޮޓޯތައް ރީ ސައިޒް ކުރުމާއި ޓަޗް ސްކްރީން އެޕްލިކޭޝަންތައް ހެދުން ހިމެނެއެވެ.
މި ކަމާގުޅިގެން ނެރުނު ބަޔާނެއްގައި އެޕަލް ކުންފުނިން ބުނި ގޮތުގައި ވަރަށް އަވަހަށް އާ ސޮފްޓްވެއާއާ އެކު އައިފޯނު ޗައިނާގައި ވިއްކަން ފަށާނެއެވެ. އެ ފޯނު ތަކުގައި ހިމެނޭނީ އެޕަލްގެ ފަހުގެ މޯބައިލް އޮޕަރޭޓިން ސިސްޓަމް އައިއޯއެސް 12 އެވެ.