މިއީ އެޕަލްއަށް ވަރަށް ކާމިޔާބު ހަފުތާއެކެވެ. އެ ކުންފުނިން ވަނީ އެންމެ 2 ދުވަހުގެ ތެރޭގައި އާ ހަތަރު އުފެއްދުމެއް ނެރެފައެވެ. އާ އައިޕެޑް އެއަރ އަދި އޭ16 އައިޕެޑް ނެރުމަށްފަހު، މިހާރު އާ މެކް ސްޓޫޑިއޯއެއް ވަނީ ނެރެފައެވެ. މި އާ މެކް ސްޓޫޑިއޯގައި ބޭނުންކޮށްފައިވަނީ އެމް4 މެކްސް އަދި އާ އެމް3 އަލްޓްރާ ޗިޕެވެ.
އެޕަލްއިން ބުނާ ގޮތުގައި މިއީ މިހާތަނަށް ނެރުނު އެންމެ ބާރުގަދަ މެކް އެވެ. މީގެ ޕަރފޯމަންސް، ސްޓޯރޭޖް، އަދި ހާއްސަ ސިފަތައް ވަނީ އަޕްގްރޭޑްކޮށްފައެވެ. އަޕްގްރޭޑްކޮށްފައިވާ މެކް ސްޓޫޑިއޯގެ ވައްތަރުތައް އެމް1 މެކްސް ޗިޕް ބޭނުންކޮށްފައިވާ މެކް ސްޓޫޑިއޯއަށްވުރެ 3.5 ގުނަ ބާރުކަމަށް ބުނެފައިވެއެވެ. މިއީ އަޕްގްރޭޑްކުރުން އެކަށީގެންވާ ބަދަލެކެވެ.
އާ އެމް4 މެކްސް ޗިޕް ބޭނުންކޮށްފައިވާ މެކް ސްޓޫޑިއޯ އަންނަނީ 16-ކޯ ސީޕީޔޫ އަދި 40-ކޯ ޖީޕީޔޫ އާ ހަމައަށެވެ. އެޕަލްއިން ބުނާ ގޮތުގައި މިއީ ވީޑިއޯ އެޑިޓަރުން، ކަލަރިސްޓުން، ޑިވެލޮޕަރުން، އިންޖިނިއަރުން، ފޮޓޯގްރާފަރުން އަދި އެހެނިހެން ކްރިއޭޓިވް ޕްރޮފެޝަނަލުންނަށް އޭގެ އެޑްވާންސްޑް ގާބިލިއްޔަތުތަކުގެ ސަބަބުން ވަރަށް އެކަށީގެންވާ އުފެއްދުމެކެވެ. މި ޗިޕްގައި ހިމެނޭ ނިއުރަލް އިންޖީނަކީ އެމް1 މެކްސްއަށްވުރެ 3 ގުނަ ބާރު އިންޖީނެކެވެ. ބޭނުންކުރާ ފަރާތްތަކަށް އޭއައި މޮޑެލްތައް ވަރަށް އޮމާންކަމާއެކު ޑިވައިސްގައި ހިންގުމުގެ ފުރުސަތު ލިބިގެންދެއެވެ.
އެމް4 މެކްސްގައި ހިމެނެނީ އެޕަލްގެ އެޑްވާންސްޑް ގްރެފިކްސް އާކިޓެކްޗަރއެވެ. މީގެ ތެރޭގައި ޑައިނަމިކް ކޭޗިންގ، ހާޑްވެއަރ-އެކްސެލެރޭޓެޑް މެޝް ޝޭޑިންގ، އަދި ދެވަނަ ޖީލުގެ ރޭ-ޓްރޭސިންގ އިންޖީނު ހިމެނެއެވެ. އެމް4 މެކްސް މެކް ސްޓޫޑިއޯގެ އަސާސީ ކޮންފިގަރޭޝަންގައި 36ޖީބީ މެމޮރީ ހިމެނެއެވެ. އަދި 128ޖީބީ ޔުނިފައިޑް މެމޮރީއާ ހަމައަށް ސަޕޯޓް ކުރެއެވެ. މިއިން ބޮޑެތި އިމޭޖް ލައިބްރަރީތައް މެނޭޖްކުރުމާއި، އޯޑިއޯ ޕްރޮޑަކްޝަން އަދި އިތުރު ގިނަ ބުރަ މަސައްކަތްތައް ކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.
އަނެއްކޮޅުން، އެޕަލް އިން ވަނީ މެކް ސްޓޫޑިއޯގައި ބޭނުންކުރާ ބާރުގަދަ ޗިޕެއް ކަމުގައިވާ އެމް3 އަލްޓްރާ ތައާރަފުކޮށްފައެވެ. މި ޗިޕް ފަރުމާކޮށްފައިވަނީ ބުރަ މަސައްކަތްތަކާއި ވަރކްފްލޯތަކަށެވެ. އެމް3 އަލްޓްރާ ޗިޕް އަންނަނީ 32-ކޯ ސީޕީޔޫ އާ ހަމައަށް، 80-ކޯ ޖީޕީޔޫ އާ ހަމައަށް، އަދި ޑިވައިސްގައި އޭއައި އަދި މެޝިން ލާރނިން އަށް 32-ކޯ ނިއުރަލް އިންޖީނަކާ އެކުގައެވެ. އެޕަލްއިން ބުނެފައިވާ ގޮތުގައި މީގެ "ހައި-ބޭންޑްވިތް މެމޮރީ އާކިޓެކްޗަރ އިން 800ޖީބީ/އެސް އަށްވުރެ މަތީ ޔުނިފައިޑް މެމޮރީ ބޭންޑްވިތް ފޯރުކޮށްދެއެވެ.
އެމް3 އަލްޓްރާ މެކް ސްޓޫޑިއޯގެ އަސާސީ މޮޑެލްގައި 96ޖީބީ ރޭމް ހިމެނޭއިރު، 512ޖީބީ އާ ހަމައަށް ކޮންފިގަރ ކުރެވެއެވެ. މީގެ އިތުރުން 16ޓީބީ އާ ހަމައަށް އިންޓަރނަލް މެމޮރީ ހުންނާނެއެވެ. މިއިން ބޮޑެތި ފައިލްތަކާއި، އެޕްލިކޭޝަންތަކާއި، ގޭމްތަކާއި އިތުރު ގިނަ ތަކެތި ރައްކާކުރެވޭނެއެވެ. އެމް4 މެކްސް މެކް ސްޓޫޑިއޯގައި ހަތަރު ޔޫއެސްބީ-ސީ ތަންޑަރބޯލްޓް 5 ޕޯޓް ހިމެނޭއިރު، އެމް3 އަލްޓްރާ ވާޝަންގައި ހުރިހާ ހަ ޔޫއެސްބީ-ސީ ޕޯޓެއްގައި ވެސް ތަންޑަރބޯލްޓް 5 ހިމެނެއެވެ.
މި ޑިވައިސްތަކަށް ޕްރީ-އޯޑަރ ކުރުން ވަނީ މިހާރު ފެށިފައެވެ. އަދި ވިއްކަން ފަށާނީ މިމަހު 12 ގައެވެ.