ދުނިޔެ

މީދަލުގެ ޒަރިއްޔާއިން އިންސާނުންނަށް ހެޕަޓައިޓިސް ޖެހެންފަށައިފި

މުހައްމަދު އައުޒަމް

މީދަލުގެ ޒަރިއްޔާއިން އިންސާނުންނަށް ހެޕަޓައިޓިސް ޖެހެން ފަށައިފި ކަމަށް ދިރާސާތަކުން ދައްކައިފިއެވެ.

މިދިޔަމަހު ފަހުކޮޅު ހޮންކޮންގުގެ 61 އަހަރުގެ މީހެއްގެ ފުރަމެއަށް ދިމާވި މައްސަލައަކާއި ގުޅިގެން ހެދި ޓެސްޓުން ހެޕަޓައިޓިސް އީ އަށް ޕޮޒިޓިވް ވުމާއެކު ހޮންކޮންގުން ވަނީ އިތުރަށް ދިރާސާކުރަން ފަށައިފައެވެ.

މީގެ ކުރިން 2018 ވަނަ އަހަރު ޔުނިވާސިޓީ އޮފް ހޮންކޮންގުން ކުރި ދިރާސާ އަކުންވެސް 56 އަހަރުގެ މީހަކު ފުރަމޭ ބަދަލުކުރުމުގެ އޮޕަރޭޝަނަކަށްފަހު ފަހުން ބަދަލުކުރި ފުރަމޭގެ މަސައްކަތް ހުއްޓުމުން ހެދި ޓެސްޓުތަކުން ވަނީ ހެޕަޓައިޓިސް އީ އަށް ޕޮޒިޓިވް ވެފައެވެ.

ހޮންކޮންގުގެ ދިރާސާކުރާ ފަރާތްތަކުން ވަނީ މިހާތަނަށް 10 މީހެއްގެ ޓެސްޓުތަކުން ހެޕަޓައިޓިސް ޕޮޒިޓިވް ވެފައިވާކަން ފާހަގަކޮށް މި އަދަދު ބޮޑުތަނުން އިތުރުވެފައި ވެދާނެކަން ހާމަކޮށްފައެެވެ.

ހެޕަޓައިޓިސް އީ މީދަލުގެ ޒަރިއްޔާއިން ފެތުރެން ފެށިކަން ދިރާސާތަކުން ހާމަވެފައިވުމުން އެކަން އިތުރަށް ބަލަމުންދާކަމަށް ޔުނިވާސިޓީ އޮފް ހޮންކޮންގުން ވަނީ ބުނެފައެވެ. އެގޮތުން ހޮންކޮންގުގެ ބޮޑު ސަރަހައްދަކުން މީދަލުގެ ސާމްޕަލް ނަގައި ހެޕަޓައިޓިސް އިތުރަށް ފެތުރުމުގެ ކުރިން ހުއްޓުވުމުގެ މަސައްކަތް ވަނީ ފަށައުފައެވެ.

ޑަބްލިއުއެޗްއޯއިން ބުނެފައިވާގޮތުން ހެޕަޓައިޓިސް އީ އިންފެކްޝަން ހަށިގަނޑަށް ވާސިލުވަނީ ތަޣައްޔަރުވެފައިވާ ފެން ބުއިމުންނެވެ.