އަލީ ޔާމިން
އައްޑޫން ކޮވިޑަށް ޕޮޒިޓިވް ވި މީހާ ފުރުވަން އެއާޕޯޓަށް ގެންދިޔަ އެމްބިއުލާންސްގައި، ކިޑްނީ ޕޭޝަންޓެއް ވެސް ރޭ އުފުލި ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)އިން ބުނެފިއެވެ.
އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭއީއެޗްގެ މެނޭޖަރު ޝަރަފުއް ސާދާތު (ސާތު) ވިދާޅުވީ ބަލި ދެމީހަކު ރޭ މާލެއަށް ފުރުވަން ހަމަޖެހިފައި އޮތް ކަމަށާއި އޭގެތެރެއިން ކިޑްނީ ބައްޔަށް ފަރުވާ ކުރުމަށް ފޮނުވާލަން ޖެހުނު މީހާ އަނބުރާ ހޮސްޕިޓަލަށް ގެންނަން ޖެހުނު ކަމަށެވެ.
"ހަމަ އެ އެމްބިއުލާންސްގައި މިކޮޅަށް ގެނައީ. އޭރު ނޭނގޭ މި ބަލި މީހާއަކީ ކޮވިޑްގެ އެއްވެސް އަލާމާތެއް ހުރި މީހެއް ކަމެއް" ސާތު ވިދާޅުވިއެވެ.
ސާތު ވިދާޅުވީ، ކިޑްނީ ޕޭޝަންޓް ވެސް ހާއްސަ ހާލަތަކަށް ގެނެސްގެން، ވަރަށް ގާތުން މޮނީޓާކުރަމުން އަންނަ ކަމަށެވެ.
އައްޑޫން ޕޮޒިޓިވް ވި މީހާއަކީ ހާޓްއެޓޭކެއް ޖެހިގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންދިއުމަށް ފަހު އިތުރު ފަރުވާއަށް މާލެ ގެނައި މީހެކެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވް ވިކަން އެނގުނީ ފަރުވާއަށް އައިޖީއެމްއެޗަށް ގެނެސް ހެދި ޓެސްޓުންނެވެ.
އެމީހާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ފަށާފައިވާއިރު، ޑައިރެކްޓް ކޮންޓެކްޓުވި 26 އަށް ވުރެ ގިނަ މީހުން ވަނީ އެކަހެރިކޮށްފައެވެ. އޭގެ ތެރޭގައި އެ ހޮސްޕިޓަލުގެ 7 ޑޮކްޓަރުންނާއި 10 ނަރުހުން ވެސް ހިމެނެ އެވެ.