ކޮވިޑް 19

އައިސީޔޫގައި އާއި އެއާޕޯޓުން ވެސް ގިނަބަޔަކާ އައްޑޫން ޕޮޒިޓިވް ވި މީހާއާ ވަނީ ބައްދަލުވެފައި: އޭއީއެޗްގެ މެނޭޖަރު

އަލީ ޔާމިން

އައިސީޔޫގައި އާއި އެއާޕޯޓުން ވެސް ގިނަބަޔަކާ އައްޑޫން ޕޮޒިޓިވް ވި މީހާއާ ވަނީ ބައްދަލުވެފައި ކަމަށް އައްޑޫ އިކުއިޓޯރިލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނެފި އެވެ.

އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ މެނޭޖަރު ޝަރަފުއްސާދަތު (ސާތު) ވިދާޅުވީ، ރޭ އައްޑޫ އިން މާލެ ފޮނުވި ބަލި މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އޭނާއަށް ޒިޔާރަތް ކުރުމަށް ގިނަ ބަޔަކު ގަވައިދާ ހިލާފަށް އައިސީޔޫއަށް ވަދެފައިވާ ކަމަށެވެ.

"ބަލި މީހުންގެ ބަލީގެ ހާލަތު ހުރި ގޮތުން، ދޭތެރެއަކުން އަޅުގަނޑުމެންގެ އެންގުމާ ހިލާފަށް އައިސީޔޫ އަދި ވޯޑްގައިވެސް ކޮންމެވެސް ވަރަކަށް މީހުން ތިބި. އޭގެ އިތުރުން ބަލި މީހާ ފުރުވުމުގައިވެސް އެއާޕޯޓަށް ކޮންމެވެސް ވަރަކަށް މީހުން ގޮސްފައިވާ ކަމަށް އަޅުގަނޑުމެންނަށް ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަވެފައި އެބަވޭ،" ސާތު ވިދާޅުވިއެވެ.

ބަލި މީހާއާ ޑައިރެކްޓް ކޮންޓެކްޓުގެ ގޮތުގައި 26 މީހަކު ފާހަގަކުރެވި އެމީހުން އައިސޮލޭޓް ކުރެވިފައިވާ ކަމަށްވެސް ސާތު ވިދާޅުވިއެވެ. އޭގެ ތެރޭގައި ހަތް ޑޮކްޓަރުންނާއި ދިހަ ނަރުހުންވެސް ހިމެނެއެވެ. އަދި ބަލި މީހާގެ އާއިލާގެ ބައެއް މީހުންވެސް ހިމެނެއެވެ.

އައްޑޫން ޕޮޒިޓިވްވި މީހާއަކީ ހާޓްއެޓޭކެއް ޖެހިގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެނައުމަށް ފަހު އިތުރު ފަރުވާއަށް މާލެ ގެންދިޔަ މަރަދޫފޭދޫއަށް ނިސްބަތްވާ 40 އަހަރުން މަތީގެ ފިރިހެނެކެވެ.