ކުއްލި ޚަބަރު

އައްޑޫގައި މުޖުތަމައު ތެރެޔަށް ކޮވިޑު ފެތުރިފައިވާ ކަމަށް ބެލެވޭ ކަމަށް އެ ސިޓީގެ މޭޔަރު ވިދާޅުވެއްޖެ

އަލީ ޔާމިން

އައްޑޫ ސިޓީގައި މުޖުތަމައު ތެރެޔަށް ކޮވިޑް 19 ފެތުރިފައިވާ ކަމަށް ބެލެވޭ ކަމަށް އެ ސިޓީގެ މޭޔަރު، އަބްދުﷲ ސޯދިގު، (ސޯބެ) ވިދާޅުވެއްޖެ އެވެ.

އައްޑޫ އިން މިއަދު ކޮވިޑަށް މީހަކު ޕޮޒިޓިވް ވެފައިވާއިރު އެމީހާއަކީ ހާޓްއެޓޭކެއް ޖެހިގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެނައުމަށް ފަހު އިތުރު ފަރުވާއަށް މާލެ ގެންދިޔަ މީހެކެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ފަރުވާއަށް އައިޖީއެމްއެޗަށް ގެންދާ މީހުން ކޮވިޑަށް ޓެސްޓު ކުރުމަށް ހަމަޖެހިފައިވާ އުސޫލުން ހެދި ޓެސްޓު ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސޯދިގު ވިދާޅުވީ ބައްޔަށް ޕޮޒިޓިވްވި މީހަކު އައްޑޫން ފެނިފައިވުމުން އައްޑޫގައި މިހާރު ކޮމިޔުނިޓީ ސްޕްރެޑެއް އޮތް ކަމަށް ބެލެވޭ ކަމަށެވެ.

"އައްޑޫއިން މީހަކު ޕޮޒިޓްވެފައި މިވަނީ އައްޑޫގައި ބަލިމަޑުކަމެއް އޮތްކަން ނޭނގި އޮއްވައި. އެހެންކަމުން މިއީ ކޮމިޔުނިޓީ ސްޕްރެޑެއް ކަމަށް ބެލެވޭ،" މޭޔަރު ސޯދިގު ވިދާޅުވިއެވެ.

ކޮމިއުނިޓީ ސްޕްރެޑެއް އައްޑޫގައި އޮތް ކަމަށް ބެލެވޭތީ ފަރުވާކުޑަ ނުކުރުމަށް މީގެކުރިން ވެސް ދެންނެވި ކަމަށާއި، ނަމަވެސް ތަންކޮޅެއް ލުއިގޮތަކަށް މީހުންނަށް އެކަން ނެގިފައި އޮތީ އައްޑޫން ބަލި ފެނިފައިނުވާތީ ކަމަށް ބެލެވޭ ކަމަށްވެސް ސޯދިގު ވިދާޅުވިއެވެ. ނަމަވެސް އައްޑޫއިން މިއަދު ޕޮޒިޓިވް ކޭސްއެއް ފެނުމުމާއެކު ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން މިއަދުން ފެށިގެން ޒަރޫރީ ބޭނުންތަކުގައި ގެއިން ބޭރަށް ނިކުންނަންޖެހޭނީ ފުލުހުންގެ ހުއްދައާއެކުގައި ކަމަށާއި އެގޮތަށް އެކަން ނުކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެކަން ފުލުހުން މިއަދު އަންގާފައިވާ ކަމަށްވެސް ސޯދިގު ވިދާޅުވިއެވެ.

އައްޑޫއިން މިއަދު ޕޮޒިޓިވްވި މީހާއަކީ 40 އަހަރުން މަތީގެ ފިރިހެނެކެވެ. އޭނާއަކީ މާޗު ދިހަވަނަ ދުވަހު ރިސޯޓަކުން އައްޑޫއަށް އައި މަރަދޫފޭދޫ މީހެކެވެ.