އައިޖީއެމްއެޗް

އައިޖީއެމްއެޗްގެ 16 ނަރުހަކު އައިސޮލޭޓް ކޮށްފި

އައިޖީއެމްްއެޗްގެ 16 ނަރުހަކު އައިސޮލޭޓް ކޮށްފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ވަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އައިޖީއެމްއެޗްގެ މެޑިކަލް ޑައިރެކްޓަރު ޑރ. އަލީ ނަޒީމް ވިދާޅުވީ މިހާތަނަށް އެކްސްޕޯޝާ ރިސްކް ހައި ކަމަށް ބެލެވިގެން ޓެގްއާއި އެޗްޕީއޭއިން ނިންމުމުން އެހޮސްޕިޓަލުގެ 16 ނަރުހުން ކަރަންޓީނު ކުރުމަށް ފެސިލީޓަކަށް ގެންގޮސްފައިވާ ކަމަށެވެ.

"އަދި ޓެސްޓް ކުރެވުނު އެއްވެސް ނަރުހެއް ޕޮޒިޓިވް ވެގެން އެކަމުގެ ރިޕޯޓެއް ލިބިފައެއް ނެތް. އެހެން ނަމަވެސް އެކްސްޕޯޝާ ރިސްކް ހައި ކަމަށް ބެލެވިގެން ޓެގްއާއި އެޗްޕީއޭއިން ޑިޒިޝަން ނެގުނީމާ އެހިސާބުން އައިސޮލޭޓް ކުރެވިއްޖެ ގާތްގަނޑަކަށް 16 ވަރަކަށް ނަރުހުން. މިހާރުވަނީ އެބޭފުޅުން ކަރަންޓީން ފެސިލިޓީތަކަށް ގެންދެވިފަ." ޑރ. ނަޒީމް ވިދާޅުވިއެވެ.

ޑރ. ނަޒީމް ވިދާޅުވީ ކަރަންޓީނަށް ގެންގޮސްފައިވާ ނަރުހުންގެ ތެރެއިން މިހާތަނަށް އެއްވެސް މީހަކު ޕޮޒިޓިވް ނުވާކަމަށާއި ނަމަވެސް އެމީހުންގެ ކަރަންޓީންގެ މުއްދަތު ހަމަކޮށް ނުވަތަ އަލާމާތެއް ފެނިގެން ޓެސްޓްކުރާއިރު ޕޮޒިޓިވް ވުމުގެ ފުރުސަތު އޮވެދާނެ ކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް ލިބިފައިވާ މައުލޫމާތު ތަކަށް ބަލާއިރު ޕޮޒިޓިވް ވެފައިވަނީ އެންމެ ނަރުހެއް ކަމަށާއި އެނަރުސް ޕޮޒިޓިވް ވެފައިވަނީ މަސައްކަތުގެ މާހައުލުން ނޫން ކަމަށެވެ. އަދި ޕޮޒިޓިވް ވި ނަރުހާ އައިޖީއެމްއެޗަށް ގެންދިޔަ އެއްވެސް ކޮވިޑް ބަލިމީހަކާ ކޮންޓެކްޓް ވެފައި ނުވާ ކަމަށެވެ.