އިތުރު 22 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެ ރާއްޖޭގެ ޖުމުލަ 766 އަށް އަރައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ޕޮޒިޓިވްވި 22 މީހުންގެ ތެރެއިން 16 މީހުންނަކީ ދިވެހިންކަމަށެވެ.
ދެން ތިބި މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަތަރު ރައްޔިތުންނާއި އިންޑިއާ އެކަކު އަދި ނޭޕާލް މީހެއް ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.
މި 22 މީހުންނާ އެކު، މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވީ މީހުންގެ ޖުމުލަ އަދަދު މި ވަނީ 766 އަށް އަރައިފަ އެވެ. ރާއްޖޭގައި މި ބަލިން ރަނގަޅުވެފައިވަނީ 20 މީހުންނެވެ. އަދި މި ބަލިޖެހިފައިވާ ތިން މީހަކު ރާއްޖޭގައި މަރުވެފައި ވެއެވެ.
ރާއްޖޭގެ އެންމެ ބޮޑު ސިޓީ ކަމަށްވާ، އަދި މާލެ ފިޔަވައި އެންމެ އާބާދީ ބޮޑު ސިޓީ ކަމަށްވާ އައްޑޫ ސިޓީން ރޭ ދަންވަރު މާލެއަށް ގެނައި މީހަކުވެސް ކޮވިޑަށް ޕޮޒިޓިވް ވެ އެ ސިޓީގައި ވެސް މި ބަލި ފެތުރިފައިވާ ކަމަށް މިހާރު ވަނީ ބެލެވިފަ އެވެ.