އައިޖީއެމްއެޗް

ޑޮކްޓަރަކާއި ނަރުހަކު ޕޮޒިޓިވް ވެއްޖެ، އެކަމަކު އެއީ ހޮސްޕިޓަލުން ބައްޔަށް ހުށަހެޅިގެނެއް ނޫން: އައިޖީއެމްއެޗް

އައިޖީއެމްއެޗްގެ ޑޮކްޓަރަކާއި ނަރުހަކު ޕޮޒިޓިވް ވެއްޖެ ކަމަށާއި ނަމަވެސް އެއީ ހޮސްޕިޓަލުން ބައްޔަށް ހުށަހެޅިގެން ނޫން ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ވަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އައިޖީއެމްއެޗްގެ މެޑިކަލް ޑައިރެކްޓަރު ޑރ. އަލީ ނަޒީމް ވިދާޅުވީ އައިޖީއެމްއެޗްގެ ބައެއް މުވައްޒަފުން ޕޮޒިޓިވް ވެފައިވާ ކަމަށާއި އޭގެތެރޭގައި ޑޮކްޓަރަކާއި ނަރުހެއް ހިމެނޭ ކަމަށެވެ. އެހެންނަމަވެސް އެ ނަރުހާއި ޑޮކްޓަރު ޕޮޒިޓިވް ވެފައިވަނީ މަސައްކަތުގެ މާހައުލުން ނޫން ކަމަށެވެ.

"އަޅުގަނޑުމެންގެ ބައެއް ސްޓާފުން ޕޮޒިޓިވް ވެފައި އެބަތިބި ކޮމިއުނިޓީ ތެރެއިން. އަޅުގަނޑަށް އެނގިގެން މިހާރު އެއް ޑޮކްޓަރަކާއި ނަރުހަކު އެބަތިބި. އެކަމަކު އެމީހުން އެއީ އައިޖީއެމްއެޗްގެ މަސައްކަތާއި ރިލޭޓްވެގެންނެއް ނޫން. އެހެން ގޮތަކުން އެމީހުން ޕޮޒިޓިވް ވެފައި ތިބީ" ޑރ. ނަޒީމް ވިދާޅުވިއެވެ.

ޑރ. ނަޒީމް ވިދާޅުވީ އައިޖީއެމްއެޗްގެ ބައެއް ނަރުހުން ބައެއް ކޭސްތަކާއި ގުޅިގެން އައިސޮލޭޝަންގައި އެބަ ތިބި ކަމަށާއި އެމީހުންގެ ޓެސްޓުގެ ނަތީޖާތައް ލިބުމުން އިތުރު މީހުން ޕޮޒިޓިވް ވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ނަމަވެސް މިވަގުތަށް އަދި އިތުރު ޑޮކްޓަރެއްވެސް ނަރުހެއްވެސް ކޮވިޑަށް ޕޮޒިޓިވް ވެފައި ނުވާ ކަމަށެވެ.

މީގެ އިތުރުން ޑޮކްޓަރު ވިދާޅުވީ އައިޖީއެމްއެޗްގެ އިމަޖެންސީގައި މިހާރު ހުރިހާ ނަރުހުންނާއި ޑޮކްޓަރުން ވެސް ބަލި މީހުންނަށް އެޓެންޑް ވާނީ ސިއްހީ ގޮތުން އަޅަން ޖެހޭ ހުރިހާ ސަލާމަތީ ފިޔަވަޅުތަކާއި އެކުގައި ކަމަށާއި އެހެންކަމުން އެމީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ވަރަށް ކުޑަކަމަށެވެ.