ރާއްޖޭގައި ކޮވިޑް 19 ޕީކަށް އަރާއިރު އައިޖީއެމްއެޗްގެ 75 ޑޮކްޓަރުންނާއި 300 ވަރަކަށް ނަރުހުން ޓްރީޓޮޕް ހޮސްޕިޓަލުގައި މަސައްކަތްކުރާނެ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
އެކަމާބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި އައިޖީއެމްއެޗުގެ މެޑިކަލް ޑައިރެކްޓަރު ޑރ. އަލީ ނަޒީމް ވިދާޅުވީ، ކޮވިޑް 19 ގެ ހާލަތު ޕީކަށް އަރައިގެންދާއިރު، ސިއްހީ ކަންތައްތައް ކުރިއަށް ގެންދާނެ ގޮތް، ތަރުތީބުކޮށް ރާވާފައިވާ ކަމަށެވެ.
އެގޮތުން ކޮވިޑް 19 އަށް ޕޮޒިޓިވް ވާ މީހުންގެ ތެރެއިން، އައިއީއެމްއެޗަށް ގެންގޮސް ޓެސްޓް ކުރުމަށްފަހު އިތުރު ފަރުވާދޭން، ޓްރީޓޮޕް ހޮސްޕިޓަލަށް މީހުން ގެންދަން ޖެހޭ ހާލަތެއްގައި އެކަން ކުރާނެ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށެވެ.
ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ޓްރީޓޮޕަށް ގެންގޮސްގެން ފަރުވާ ދޭންޖެހޭ މީހުން ކަނޑައަޅާނީ އައިޖީއެމްއެޗްގައި އެކަމަށް ޓަކައި އެކުލަވާލާފައި އޮންނަ، ކްލިނިކަލް މެނޭޖްމެންޓް އެޑްވައިޒަރީ ކޮމެޓީން، ކަމަށްވެސް ޑރ. ވިދާޅުވިއެވެ.
ޑރ. ނަޒީމް ވިދާޅުވީ އެގޮތުގެ މަތިން ޓްރީޓޮޕަށް ގެންދާ މީހުން އިތުރުވާ ވަރަކަށް، އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުން ޓްރީޓޮޕަށް ބަދަލު ކުރަމުންދާނެ ކަމަށެވެ. އެގޮތަށް، ކޮވިޑް 19 ގެ ބަލި ޕީކަށް އަރާއިރު، އައިޖީއެމްއެޗްގެ 75 ޑޮކްޓަރުންނާއި 300 އެއްހާ ނަރުހުން ޓްރީޓޮޕަށް ބަދަލުކުރާނެ ކަމަށްވެސް ޑޮކްޓަރު ވިދާޅުވިއެވެ.
"ނަރުހުންގެ ވެސް ވަރަށްބޮޑު ކޮންޓިންޖެންޓެއް މޫވް ކުރާނެ. ގާތްގަނޑަކަށް 300 އެއްހާ ނަރުހުން މޫވް ކުރާނެ. އެ ހިސާބަށް ދާއިރު އައިޖީއެމްއެޗުގެ ފްލީޓުގެ ތެރެއިން ފުދޭވަރެއްގެ ބޮޑު ޕަސެންޓެއް އެކޮޅަށް މޫވް ކުރާނެ،" ޑރ.ނަޒީމް ވިދާޅުވި އެވެ.
ޑރ. ވިދާޅުވީ، ބަލި ޕީކަށް އަރާއިރު، ޓްރީޓޮޕްގެ 100 އިންޓެންސިވް ކެއާ އާއި 60 ޖެނެރަލް ބެޑްގައި ފަރުވާ ދެވޭނެ ކަމަށަވެ.
ޑރ. ނަޒީމް ވިދާލުވީ، އެ އަދަދަށް ޑޮކްޓަރުންނާއި ނަރުހުން ޓްރީޓޮޕަށް ބަދަލު ކުރިޔަސް، އައިޖީއެމްއެޗްގައި ބަލަންޖެހޭ ބަލި މީހުންނާއި ފަރުވާ ދިނުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް އެ ހޮސްޕިޓަލްގައި ޑޮކްޓަރުންނާއި ނަރުހުން ތިބޭނެ ކަމަށާއި، އެ ހޮސްޕިތަލުގެ މަސައްކަތްތައްވެސް ކުރިއަށް ދާނެ ކަމަށެވެ.