އައިޖީއެމްއެޗް

ކޮވިޑަށް ޕޮޒިޓިވް ފަސް މީހަކަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން އެބަދޭ: އައިޖީއެމްއެޗް

ކޮވިޑަށް ޕޮޒިޓިވް ފަސް މީހަކަށް މިވަގުތު ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

ޓްރީޓޮޕްގެ ބޯޑާއި، ސަރުކާރާދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ޓްރީޓޮޕް މިހާރު ވަނީ ކޮވިޑް 19 އަށް ތިންމަސް ދުވަހުގެ މުއްދަތަކަށް ހާއްސަ ކޮށްފައެވެ.

އެކަމާބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި އައިޖީއެމްއެޗުގެ މެޑިކަލް ޑައިރެކްޓަރު ޑރ. އަލީ ނަޒީމް ވިދާޅުވީ، އެމީހުންނަކީ އައިޖީއެމްއެޗަށް ގެންދިއުމުން ކޮވިޑް 19 އަށް ޓެސްޓް ކޮށް އިތުރުފަރުވާ ދޭންޖެހިފައިވާ މީހުން ކަމަށެވެ.

ޑރ. ނަޒީމް އިތުރަށް ވިދާޅުވީ، ކޮވިޑް 19 އަށް ޕޮޒިޓިވް ވާ މީހުންގެ ތެރެއިން ފަރުވާދިނުމަށް ޓްރީޓޮޕަށް ގެންދެވޭ މީހުންނަކީ އެމީހުންގެ ބަލި ހާލަތު ހުންނަގޮތް ބަލައި، އައިޖީއެމްއެޗްގައި އޮންނަ ކްލިނިކަލް މެނޭޖްމެންޓް އެޑްވައިޒަރީ ކޮމެޓީން، ލަފާދީގެން ގެންދާ މީހުން ކަމަށެވެ.

"އެޑިޒިޝަން ނަގަނީ މިހާރު އަޅުގަނޑުމެންގެ ކްލިނިކަލް މެނޭޖްމެންޓަލް އެޑްވައިޒަރީ ޓީމެއް އޮންނާނެ އައިޖީއެމްއެޗްގައި ގާތްގަނޑަކަށް 10 ވަރަށް ބޭފުޅުންގެ ކޮމިޓީއެއް އެއީ، ކްރިޓިކަލް ކެއާ ޓްރީޓްމަންޓް ދޭ ފަސް ހަ ވަރަކަށް ބޭފުޅުންނާއި އޭގެ އިތުރުން ކޮންސަލްޓޭޓިވް، އޭގެތެރޭގައި ކާޑިއޮލޮޖީ، ނެފްރިއޮލޮޖީ، ލެބް، ރޭޑިއޮލޮޖީ، ސައިކޭޓްރީގެ ބޭފުޅުން އެކުލެވިގެން، އެ ބޭފުޅުން ދެއްވާ ޑިސިޝަނަށް ރިއާޔަތްކޮށް އަޅުގަނޑުމެން ޝިފްޓް ކުރަން ޖެހޭ ހާލަތެއް ކަމަށް ވަނީ ނަމަ އެކަންކުރަނީ، ޓީޓީއެޗްގެ ކްލިނިކަލް ފޯކަލް ޕޮއިންޓަކީ ޑރ. އަމްރު،" ޑރ. އަލީ ނަޒީމް ވިދާޅުވިއެވެ.

ކޮވިށް 19 ޖެހޭ މީހުންނަށް ދޭން ޖެހެނީ ދެ ފަރުވާއެއް ކަމަށާއި އެއް ފަރުވާއަކީ، ކޮމިއުނިޓީ ބޭސްޓް ފަރުވާ ކަމަށާއި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ދެވޭ، ފަރުވާ ކަމަށާއި އޭގެ ތެރެއިން ކޮމިއުނިޓީ ބޭސްޓް ފަރުވާ ހުޅުލޭ އައިލެންޑް ފެސިލިޓީއާއި ފަރުކޮޅު ފެސިލިޓީ ފަދަ ފެސިލިޓީތަކުން ލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.