ކުއްލި ޚަބަރު

ވެމްކޯގެ ކޯލް ސެންޓަރުގެ މުވައްޒަފަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

މަރިޔަމް ޝަހުދާ

ވެމްކޯގެ ކޯލް ސެންޓަރުގައި މަސައްކަތް ކުރާ މުވައްޒަފަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ވެމްކޯއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ އިއްޔެ އެ ކުންފުނީގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިކަމާއި ގުޅިގެން އެ މުވައްޒަފާއި ކޮންޓެކްޓް ވި ހުރިހާ ސްޓާފުން އައިސޮލޭޓް ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިވާނެ ކަމަށް ވެމްކޯއިން ބުނެއެވެ. އަދި އެ ކުންފުނީގެ އެއްވެސް މަސައްކަތަކަށް ބުރޫ ނާރާނެ ފަދަ ގޮތަކަށް ކުންފުނީގެ މަސައްކަތްތައް ރާވާފައިވާނެ ކަމަށް ވެސް ވެމްކޯއިން ބުނެއެވެ.

މީގެ އިތުރުން އެ ކުންފުނިން އަޅަމުން އަންނަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށް ނިންމާފައިވާ ކަމަށް ވެމްކޯއިން ބުނެއެވެ. އެގޮތުން އެކުންފުނީގެ ސައިޓުތައް ގަވައިދުން ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށާއި، ފްރަންޓުލައިނުގައި މަސައްކަތް ކުރާ ވެމްކޯގެ މުވައްޒަފުންގެ ރައްކާތެރިކަމަށް ބޭނުންވާ މާސްކުފަދަ ތަކެތި ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް ވެމްކޯއިން ބުނެއެވެ.

އެ ކުންފުނިން ވަނީ މި ދަނޑިވަޅުގައި އެޗްޕީއޭއާއި ގުޅިގެން ވެމްކޯ މުވައްޒަފުންގެ ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް ބުނެފައެވެ. އަދި އެ ކުންފުނިން އެންމެ އިސްކަމެއް ދެނީ ކުންފުނީގެ މުވައްޒަފުންނާއި ކަސްޓަމަރުންގެ ރައްކާތެރިކަމަށާއި މުޖުތަމައުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ކަމަށް ވެސް ވެމްކޯއިން ބުނެފައި ވެއެވެ.

ވެމްކޯއިން ވަނީ އެ ކުންފުނީގެ މެނޭޖްމަންޓާއި މުވައްޒަފުންގެ ނަމުގައި ކޮވިޑަށް ޕޮޒިޓިވް ވި އެ ކުންފުނީގެ މުވައްޒަފަށް އަވަސް ޝިފާއަކަށް އެދޭ ކަމަށް ބުނެފައެވެ.