ކުއްލި ޚަބަރު

އައްޑޫން ރޭ މާލެ ގެނައި ދިވެއްސަކު ކޮވިޑަށް ޕޮޒިޓިވް ވެ އެ ސިޓީގައިވެސް ބަލި ފެތުރިފައިވާ ކަމަށް ބެލެވިއްޖެ

އައްޑޫން ރޭ މާލެއަށް ގެނައި ދިވެއްސަކު ކޮވިޑަށް ޕޮސިޓިވް ވެ އެ ސިޓީގައި ވެސް މި ބަލި ފެތުރިފައިވާ ކަމަށް ބެލެވިއްޖެ އެވެ.

އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ދާދި ދެންމެ "ވަން" އަށް ވަނީ މިކަން ކަށަވަރުކޮށްދެއްވައިފަ އެވެ.

ސޯބެ ވިދާޅުވީ މިހާތަނަށް ހޯދި ހޯދުންތަކުން އެނގިފައިވާ ގޮތުގައި އޭނާ އައްޑޫ ސިޓީއަށް ދިޔައީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. އޭނާ އައްޑޫ އަށް ދިޔައީ އަނަންތަރާގައި ވަޒީފާ އަދާކުރުމަށް ފަހު ކަމަށް ސޯބެ ވިދާޅުވި އެވެ.

ވަން އަށް އެނގިފައިވާ ގޮތުގައި އޭނާ ވަޒީފާ އަދާކުރަމުން ދިޔައީ އަނަންތަރާ ދިގު ގަ އެވެ. ކޮވިޑަށް ޕޮޒިޓިވް އިޓަލީ ދެ މީހަކު އެ ރިސޯޓުން މިދިޔަ މާޗް މަސް ތެރޭ ފެނިފައިވެއެވެ. އެހެން ނަމަވެސް ވަން އަށް ކަށަވަރުވެފައިވާ ގޮތުގައި އޭނާ ވަނީ، ރިސޯޓު ލޮކްޑައުން ކުރުމުގެ ކުރީން މިދިޔަ މާޗް މަހުގެ 10 ވަނަ ދުވަހު ރިސޯޓުން ފުރައިފަ އެވެ.

ވަން އަށް އެނގިފައިވާ ގޮތުގައި، ޕޮސިޓިވް ވެފައި ވަނީ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް އިއްޔެ މެންދުރުފަހު ގެންދިޔައީ ހާޓް އެޓޭކެއް ޖެހިގެންނެވެ. އަދި ހާލު އިތުރަށް ގޯސްވުމުގެ ސަބަބުން އިމަޖެންސީގައި މާލެ ގެނައީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. އަދި ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.

އޭނާއަކީ މަރަދޫ ފޭދޫ މީހެކެވެ. ކައިވެނިކޮށްގެން އުޅެނީ ހިތަދޫ މީހަކާ އެވެ.