ކުއްލި ޚަބަރު

ރާއްޖޭގައި ހަތް މަހުގެ ކުއްޖަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

ރާއްޖޭގައި ހަތް މަހުގެ ތުއްތު ފިރިހެން ކުއްޖަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ އެވެ. މިއީ ރާއްޖޭގައި މިހާތަނަށް ކޮވިޑް ޖެހުނު އެންމެ ކުޑަ ކުއްޖާއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާންމުކުރި މައުލޫމާތަށް ބަލާއިރު ހަތް މަހުގެ ތުއްތު ކުއްޖާއަކީ ފިރިހެން ކުއްޖެކެވެ. އަދި އެކުއްޖާ ހިމެނެނީ އެޗްޕީއޭ އިން މިރޭ އިއުލާންކުރި 10 މީހުންގެ ތެރޭގައެވެ. ނަމަވެސް އެކުއްޖާ ނިސްބަތްވާ އެއްވެސް ކުލަސްޓާއެއް ބުނެފައެއް ނުވެއެވެ.

ހަތް މަހުގެ ކުއްޖެއްގެ އިތުރުން މިރޭ އިއުލާންކުރި ކޭސްތަކުގެ ތެރޭގައި އުމުރުން ދެ އަހަރުގެ އަންހެން ކުއްޖަކާއި ހަތް އަހަރުގެ އަންހެން ކުއްޖަކު ވެސް ހިމެނެއެވެ.

ރާއްޖެއިން މިއަދު އެކަނިވެސް ކޮވިޑް 19 އަށް 96 މީހަކު ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރެއިން 73 މީހުންނަކީ ބަންގުލަދޭޝް މީހުންނެވެ. ދެން ހިމެނެނީ 18 ދިވެހިންނާއި އިންޑިއާގެ ތިން މީހުންނާއި ނޭޕާލްގެ އެކަކު އަދި ސްރީލަންކާގެ އެކަކެވެ. މި ކޭސްތަކާއެކު ރާއްޖޭގައި ބަލި ޖެހުނު ޖުމްލަ 744 އަށް ވަނީ އަރައިފައެވެ.

ރާއްޖޭގައި ކޮވިޑް 19 ޖެހިފައިވާ މީހުންގެ އުމުރަށް ބަލާއިރު އުމުރުން 10-1 އަހަރާ ދެމެދުގެ ޕޮޒިޓިވްވި ކުދިންގެ އަދަދަކީ 10 އެވެ.

ރާއްޖޭގައި މިހާތަނަށް އެންމެ ގިނައިން ކޮވިޑް ޖެހިފައިވަނީ އުމުރުން 30-21 އަހަރާ ދެމެދުގެ މީހުންނަށެވެ. އެ އުމުރުގެ 211 މީހަކަށް ބަލި ޖެހިފައިވެއެވެ. ދެން ހިމެނެނީ 40-31 އަހަރުގެ މީހުންނެވެ. އެއީ 208 މީހެކެވެ.