ކުއްލި ޚަބަރު

ފަސް ފުލުހަކު ކޮވިޑަށް ޕޮޒިޓިވްވެ، 170 އަށްވުރެ ގިނަ ފުލުހުން ކަރަންޓީން ކޮށްފި

އަލީ ޔާމިން

މިހާތަނަށް ރާއްޖެއިން ކޮވިޑަށް ފަސް ފުލުހަކު ޕޮޒިޓިވްވެ، 170 އަށްވުރެ ގިނަ ފުލުހުން ކަރަންޓިން ކޮށްފިއެވެ.

މިކަން ހާމަކުރެއްވީ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ “ރާއްޖެ ޓީވީ”އަށް ދެއްވި އިންޓަވިއުއެއްގައެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ، ފުލުހުންނަކީ ފްރޮންޓްލައިންގައި މަސައްކަތް ކުރާ ބަޔަކަށް ވުމުން ބައްޔަށް ހުށަހެޅުމުގެ ފުރުސަތު ފުލުހުންނަށް ބޮޑު ކަމަށެވެ. އަދި މިހާތަނަށް ފަސް ފުލުހަކު ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

"ފުލުހުން މި ބައްޔަށް ހުށަހެޅުމުގެ ފުރުސަތު ވަރަށް ބޮޑު. ތި ވިދާޅުވިހެން ފަސް ފުލުހަކު މިހާރުވެސް ޕޮޒިޓިވްވެ 170 އަށް ވުރެ ގިނަ ފުލުހުން ކަރަންޓީން ކުރެވިފައިވޭ،" މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ، އެހާ ގިނަ އަދަދެއްގެ ފުލުހުން ކަރަންޓީން ކުރަން ޖެހުމަކީ ފުލުހުންގެ މަސައްކަތަށް ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމެއް ކަމަށެވެ. ނަމަވެސް ފުލުހުންނާއި، ސިފައިންގެ އިތުރުން ހެލްތު ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅުން ނުކުމެ ކުރީ ސަފުގައި ހަރަކާތްތެރިވެގެން ނޫނީ ދެން ތިބި ރައްޔިތުން ސަލާމަތް ނުކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ފުރާނަ އަތްމައްޗަށް ލައިގެން އެބޭފުޅުން އެކުރާ މަސައްކަތަކީ އަޅުގަނޑުމެން ހިތުގެ އަޑިން ބަލައިގަނެ ޝުކުރުވެރިވާން ޖެހޭ މަސައްކަތެއް،" މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، އެންމެ ފްރަންޓްލައިންގައި މަސައްކަތް ކުރާ ފުލުހުންނަށް އާއިލާތަކުގެ ކައިރިއަށް ނުގޮސް ތިބެވޭނެ ގޮތަށް އެކޮމޮޑޭޝަން ހަމަޖައްސައިދީފައިވާނެ ކަމަށާއި، ފްރަންޓްލައިންގައި ހަރަކާތްތެރިވާ ފުލުހުން އަމަލުކުރަން ޖެހޭނެ އެސްއޯޕީއެއްވެސް އެކުލަވާލައިފައިވާނެ ކަމަށެވެ. އަދި އެ އެސްއޯޕީއަކީ ކޮންމެ ދުވަހަކުވެސް ރިވައިސް ކުރެވޭ އެއްޗެއް ކަމަށް ވިދާޅުވިއެވެ.

ފަސް ފުލުހަކު މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، 20 ސިފައިން ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.