ރަނގަޅަށް ޓެސްޓުކުރުން ކުރިޔަށް ދާނަމަ ކޮވިޑަށް ޕޮޒިޓިވް 300 މީހުން ދުވާލަކު ފެންނާނެ ކަމަށް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ޝީނާ ވިދާޅުވީ ރާއްޖޭގައި ފެސިލިޓީ މަދުވުމުގެ ސަބަބުން އަދިވެސް އެކަށީގެންވާ ގޮތެއްގައި ޓެސްޓު ކުރެވެމުން ނުދާ ކަމަށެވެ.
މިކަމުގެ ސަބަބުން އަސްލު ސްޓެޓިސްޓިކްސް އަދި ނުފެންނަ ކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ. އަދި ކޮމިއުނިޓީ ތެރޭގައި މިބަލި އިތުރަށް ފެތުރުން ކަމުގައިވީ ނަމަވެސް، ޓެސްޓު ކެޕޭސިޓީ ދަށްވުމުން، ޓެސްޓުތަކުގެ ނަތީޖާ ލިބުމުގައި ލަސްތަކެއް ކުރިމަތިވާ ކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ޕޮޒިޓިވް ކޭސް ފެންނަ މިންވަރު މަދު ކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ.
ޑރ، ޝީނާ ވިދާޅުވީ ޓެސްޓު ކުރުމުގައި ރާއްޖޭގައި މިހާރު އަމަލު ކުރަމުން އަންނަ ގޮތްތަކަށް ބަދަލު ގެންނަން ޖެހިފައިވާ ކަމަށެވެ. އަދި ޓެސްޓު ނުކުރެވުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި، މިއީ ބަލިޖެހޭ މީހުން ނޭނގި، ކުއްލިއަކަށް ހާލު ބޮޑުވެގެން ދާނެ ކަމެއް ކަމުގައި ޑރ. ޝީނާ ވިދާޅުވިއެވެ.
މީގެ އިތުރުން ރިސްކު ބޮޑުވަނީ ކުރިން ބަލި ދެނެނުގަނެވޭތީ ކަމަށް ޑރ. ޝީނާ ފާހަގަކުރެއްވިއެވެ. އަދި އެކްޓިވްކޮށް ކޭސްތައް ކުރިން ހޯދައި ބަލީގެ ކުރީކޮޅު ބަލި ދެނެގަތުން މުހިއްމު ކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ.
ރާއްޖޭގައި ދުވާލެއްގެ މައްޗަށް ކޮވިޑަށް ޓެސްޓު ކުރެވެނީ 300 އާއި 400 އާއި ދެމެދުގެ ސާމްޕަލްތަކެވެ. އެއީ އައިޖީއެމްއެޗްގެ ލެބޯޓްރީގައި ހުންނަ ދެ މެޝިނުގެ އިތުރުން ފުލުހުންގެ ލެބޯޓްރީގައި ހުންނަ މެޝިނަކުންނެވެ.