ކިިރިޔާވެސް ހިތްހަމަޖެހުމެއް އޮތީ މިމަހަށްފަހު ކަމަށާއި މިމަހު ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމަށް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ޝީނާ ވިދާޅުވީ ލޮކްޑައުންގެ ފަހުން އައި މޫވްމަންޓް ރިސްޓްރިކްޝަނާއި ގުޅިގެން ޕީކް ވަރަށް ބޮޑުތަނުން ކުޑަކުރެވިފައިވާ ކަމަށެވެ.
ޑރ. ޝީނާ ވިދާޅުވީ ކުރިން އެސްޓިމޭޓް ކުރި ވަރަށް ވުރެ ރާއްޖޭގެ އަދަދުތައް ދަށް ކަމަށެވެ. އަދި މިކަމުންވެސް ދޭހަވަނީ އެޗްޕީއޭގެ އިރުޝާދުތައް ރައްޔިތުން ބަލައިގަންނަކަން ކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ.
މިހާރުގެ ޕްރޮޖެކްޝަންތަކަށް ބަލާއިރު މި މަހު އެންމެންވެސް އުޅެންޖެހޭނީ ވަރަށް ބަލައިގެން ކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ. އެގޮތުން ޕާމިޓް ހޯދައިގެން ބޭރަށް ނުކުންނަ ކަމަށްވިޔަސް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމަށް ޑރ. ޝީނާ އިލްތިމާސްކުރެއްވިއެވެ. ޑރ. ޝީނާ ވިދާޅުވީ އިޖުތިމާއީ ގައިދުރުކަމާއި ހޭންޑް ހައިޖީންއަކީ މިދުވަސްވަރު ވަރަށް މުހިއްމު އެއްޗެއް ކަމަށެވެ.
ޑރ. ޝީނާ ވިދާޅުވީ މިހާރު މަޑުމަޑުން ނަމަވެސް އުމުރުން ދުވަސްވީ މީހުން، އަދި ދާއިމީ ބަލިތަކަށް ފަރުވާ ކުރާ މީހުން އެމަޖެންސީގައި ހޮސްޕިޓަލަށް ގެންދާތަން ފެންނަ ކަމަށެވެ. އަދި އެފަދަ މީހުން ކޮވިޑަށް ޕޮޒިޓިވްވާ ކޭސް މަދުން ނަމަވެސް ފެންނަ ކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ. މިކަމުން އެނގިގެން ދަނީ ގެއިން ބޭރަށް ނުކުންނަ މީހާގެ ފަރާތުން ގެއިން ނުނިކުމެ އިންނަ މީހާއަށް ބަލި ޖެހޭކަން ކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ.
މިމަސްތެރޭ ކޮވިޑްގެ ސާޖް ކުޑަކުރެވިއްޖެ ކަމަށްވާނަމަ ދެން ހުރިކަންކަމައިގެން ކުރިއަށް ދާން ފަސޭހަވާނެ ކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ.