ކުއްލި ޚަބަރު

ހައި ރިސްކު ކަމަށް ބެލެވުނު 28 ތަނުގެ ތެރެއިން 27 ތަނެއްގެ ސާމްޕަލް ނަގައި ނިމިއްޖެ: މަބްރޫކް

އަލީ ޔާމިން

ހައި ރިސްކު ކަމަށް ބެލެވުނު 28 ތަނުގެ ތެރެއިން 27 ތަނެއްގެ ސާމްޕަލް ނަގައި ނިމިފައިވާ ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ބަލި ފެތުރޭނެ ކަމަށް ބެލެވުނު ބިދޭސީ މަސައްކަތްތެރީން ދިރިއުޅޭ 28 ތަނުގެ ތެރެއިން 27 ތަނެއްގެ ސާމްޕަލްތައް ނަގައި ނިމިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މާކު ކުރި 28 ސައިޓެއް އެންމެ ހައިރިސްކު ތަންތަން ގޮތުގައި. ބިދޭސީ މަސައްކަތްތެރީން އެކޮމޮޑޭޝަންގެ ގޮތުގައި ބޭނުންކުރާ ތަންތަން ތޮއްޖެހިފައި ހުރި ތަންތަން. މިތަންތަނުގެ ތެރެއިން 27 ތަނެއްގެ މިހާރު ސާމްޕަލް ނެގިފައިވަނީ އެއްތަން މިހާރު ސާމްޕަލް ނުނެގިވަނީ،" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ގިނަ ސާމްޕަލްތައް ޕްރޮސެސް ކުރެވި އައިސޮލޭޓް ކުރަން ޖެހޭ މީހުން އައިސޮލޭޓްވެސް އެބަކުރެވޭ ކަމަށާއި ބައެއް ސާމްޕަލްތައް މިވަގުތުވެސް ލެބޯޓަރީގައި އެބަހުރި ކަމަށެވެ.

ސިއްހީ މާހިރުން ވިދާޅުވާ ގޮތުންނަމަ ބަލި އެންމެ ބޮޑަށް ފެތުރުމުގެ ފުރުސަތު އޮތީ ތޮއްޖެހިގެން ބިދޭސީން އުޅޭ ތަންތަނުގައެވެ. އެ މައްސަލައަށް ހައްލެއް ހޯދައިދީ، ބަލި ޖެހޭ މީހުންގެ އަދަދު މަދުކުރުމަށް ސަރުކާރުން އަންނަނީ ގުޅީފަޅުގައި، ބިދޭސީ މަސައްކަތްތެރީންނަށް ހާއްސަ ވިލެޖެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މިހާރުވެސް ގިނަ ބިދޭސީންތަކެއް ވަނީ ގުޅީފަޅަށާއި، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުރި ފެސިލިޓީތަކަށް ބަދަލުކޮށްފައެވެ.

ރާއްޖެއިން މިހާތަނަށް އެންމެ ގިނައިން ބައްޔަށް ޕޮޒިޓިވްވެފައިވަނީވެސް ބިދޭސީ މަސައްކަތްތެރީންނެވެ.