ކުއްލި ޚަބަރު

ޓެސްޓުކުރެވޭ ނިސްބަތް ދަށްވުމަކީ ވަރަށްބޮޑު ރިސްކެއް، މުޖުތަމައު ތެރެޔަށް ކޮވިޑު ދަނީ ނުފެނި ފެތުރެމުން

އަލީ ޔާމިން

ޓެސްޓުކުރެވޭ ނިސްބަތް ދަށްވުމަކީ ވަރަށްބޮޑު ރިސްކެއް ކަމަށް މުޖުތަމައު ތެރެޔަށް ކޮވިޑު ދަނީ ނުފެނި ފެތުރެމުން ކަމަށް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ ވިދާޅުވީ، ބަލީގެ ކުރީކޮޅުގައި ބަލި ޖެހިފައިވާކަން ދެނެނުގަނެވިއްޖެނަމަ ކުއްލިއަކަށް އެފަދަ މީހުންގެ ހާލަތު ގޯސްވުމަކީ އެކަށީގެންވާ ކަމަށެވެ.

ރާއްޖޭގައި ބައްޔަށް ޓެސްޓު ކުރެވޭ މީހުންގެ ނިސްބަތް ދަށްވުމަކީ ކަންބޮޑުވާ ކަމެއްކަމުގައި ފާހަގަކުރައްވައި ޑރ. ޝީނާ ވިދާޅުވީ، އެކަމުގެ ސަބަބުން މުޖުތަމައުގެ ތެރޭގައި ނުފެނި ކޮވިޑު ފެތުރެމުންދާ ކަމަށެވެ.

"ޓެސްޓު ކުރެވޭ ނިސްބަތް ދަށްވުމަކީ އަސްލު ކަންބޮޑުވާކަމެއް. އަޅުގަނޑުމެންނަށް ޑިޓެކްޓް ނުވެ އިންފެކްޝަން އުޅުމަކީ ހަމަ ނޭނގި ހުރެ ބަލި ޖެހިފައި ތިބި މީހުންގެ ހާލު ކުއްލިއަކަށް ބޮޑުވެގެންދާނެ ކަމެއް. އޭގެ މާނައަކީ އަޅުގަނޑުމެންނަށް ޕޭޝަންޓު ލިބޭއިރުގައި ބަލި ބޮޑުވެފައޭ އޮންނާނީ. މެނޭޖު ނުކުރެވޭނެއޭ،" ޑރ. ޝީނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ޝީނާ ވިދާޅުވީ، ބަލިޖެހިފައިވާ މީހުން ދެނެގަތުމަށް މިހާރުވެސް އެކްޓިވް ސަވޭލަންސް ޓެސްޓުތައް ކުރަމުން އަންނަ ކަމަށާއި އެކްޓިވް ސެވޭލަންސްގެ ތެރެއިންވެސް ބައެއް މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ރާއްޖޭގައި ޓެސްޓު ކުރެވޭ މީހުންގެ އަދަދު މަދުވަނީ ވަސީލަތްތައް ނެތުމުން ކަމަށާއި ޓެސްޓު ކުރުމަށް ބޭނުންވާ އެކްސްޓްރޭކްޝަން މެޝިން ރާއްޖެ އައުމުން ބައްޔަށް ޓެސްޓު ކުރެވޭ މީހުންގެ އަދަދު އިތުރުވެ މުޖުތަމައުގެ ތެރޭގައި ބަލި އޮތް މިންވަރުގެ ހަގީގީ ތަސްވީރެއް ލިބިގެންދާނެ ކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ.