ކުއްލި ޚަބަރު

ޕާމިޓް ލިބިގެން ބޭރަށް ދާ މީހުންގެ ފުށުން ގޭގެޔަށް ބަލި ވަދެފައި އެބަހުރި: ޑރ. ޝީނާ

އަލީ ޔާމިން

ޕާމިޓް ލިބިގެން ބޭރަށް ދާ މީހުންގެ ފުށުން ގޭގެޔަށް ބަލި ވަދެފައި އެބަހުރި ކަމަށް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ ވިދާޅުވީ، ލޮކްޑައުންއާ ގުޅިގެން ބަލީގެ ޕީކް ވަރަށް ބޮޑަށް ދަށް ކުރެވިއްޖެ ކަމަށާއި، އެކަމުން އެނގެނީ ލޮކްޑައުންގެ މުއްދަތުގައި ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކަށް ރައްޔިތުން ތަބާވާ މިންވަރު ކަމަށެވެ.

ޑރ. ޝީނާ ވިދާޅުވީ، ހުއްދަތައް ލިބިގެން އެކިއެކި ބޭނުންތަކަށް ބޭރަށްދާ މީހުންގެ ފުށުންވެސް ގޭގެއަށް ބަލި ވަދެފައި އެބަހުރި ކަމަށާއި އެހެންކަމުން ބޭރަށް ދިއުން ވީހާވެސް މަދުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ބޭރަށްދާއިރުވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަށަވަރުކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމަށް ކަމަށެވެ.

"ބޭރަށް ދާ މީހުން ޕާމިޓް ލިބިގެންދާ މީހުންވެސް ވަރަށް މުހިންމު ސޯޝަލް ޑިސްޓެކްސިންއާއި ހޭންޑް ހައިޖީންއާއި ބެލެހެއްޓެވުމަށް،" ޑރ. ޝީނާ ވިދާޅުވިއެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ބަލީގެ ނުރައްކާ ބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެހެންކަމުން މިމަހުގެ 31 ވަނަ ދުވަހު 600 މީހުންނަށް ބަލި ޖެހޭނެ ކަމަށް ލަފާކުރެވޭނެ ކަމަށްވެސް ޑރ. ޝީނާ ވިދާޅުވިއެވެ. އެއީ މިމަހު އެންމެ ގިނަ މީހުންނަށް ބަލި ޖެހޭނެ ކަމަށް ލަފާކޮށްފައިވާ ދުވަހެވެ.

"މިމަހުގެ ތެރޭގައި އަޅުގަނޑުމެން ބަލައިގެން ނޫޅެއްޖެއްޔާ ދިވެހިންގެ ތެރޭގައި ބަލި ފެތުރޭ މިންވަރު އިތުރުވެދާނެ،" ޑރ. ޝީނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ޝީނާ ވިދާޅުވީ ރާއްޖޭގައި ޓެސްޓު ކުރެވޭ މީހުންގެ އަދަދު އިތުރުކުރާނަމަ ބަލި ޖެހޭ މީހުން ފެނުމުގެ ފުރުސަތު ބޮޑުވާނެ ކަމަށާއި އެހެންކަމުން ޓެސްޓިން ކެޕޭސިޓީ އިތުރުކުރުމަކީ ކުރަން ޖެހޭ ކަމެއް ކަމަށެވެ.