ކުއްލި ޚަބަރު

މި މަހުގެ 15 އާއި 31 އާ ދެމެދު ދުވާލަކު ބަލި ޖެހޭ މީހުންގެ އަދަދު ހުންނާނީ 1000 އާއި 1600 އާ ދެމެދު

1

މި މަހުގެ 15 އާއި 31 އާ ދެމެދު ދުވާލަކު ބަލި ޖެހޭ މީހުންގެ އަދަދު ހުންނާނީ 1000 އާއި 1600 އާ ދެމެދު ކަމަށް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ ވިދާޅުވީ މިމަހުގެ 31 ވަނަ ދުވަހު ޕީކަށް އަރާނެ ކަމަށް ވެލެވޭ ކަމަށާއި އެދުވަހު ގާތްގަނޑަކަށް ކޮވިޑަށް ޕޮޒިޓިވް 1600 އެއްހާ މީހުން ފެންނާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް އަދިވެސް މި ފެންނަނީ ސާޖެއް. ފުރަތަމަ ސާޖް މިމަހުގެ ތެރޭގައި، ކުރިއަށްއޮތް ދެ ހަފުތާއެއްގެ ތެރޭގައި، މެއި މަހުގެ 31 ވަނަ ދުވަހަށް ޕީކަށް އަރާތަން މި ފެންނަނީ. އެ ދުވަހު ގާތްގަނޑަކަށް 1600 އިންފެކްޝަން އުޅޭނެ ކަމަށް. 15 މެއި އިން ފެށިގެން 31 މެއި އަށް ފެންނަ ކޭސްތައް ޖުމުލަކޮށްލައިފިއްޔާ އެ ދުވަހު އެކްޓިވް ކޭސްގެ ގޮތުގައި އުޅޭނެ 6800 ކޭސް. ދުވާލެއްގެ މައްޗަށް 1000 އާއި 1600 އާ ދެމެދު،" އޭނާ ވިދާޅުވިއެވެ.

ޑރ. ޝީނާ ވިދާޅުވީ ރާއްޖޭގައި 77000 މީހުންނަށް ބަލި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި ހޮސްޕިޓަލުގައި ޖުމްލަ 13500 އެއްހާ މީހުން އެޑްމިޓްކުރަން ޖެހޭނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ގާތްގަނޑަކަށް 5800 މީހުންނަށް އައިސީޔޫގައި ފަރުވާދޭން ޖެހޭނެ ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މުޅި އެޕިޑެމިކްގައި މި ބަލަނީ ގާތްގަނޑަކަށް 13500 އެއްހާ ހޮސްޕިޓަލައިޒޭޝަނެއް. ހަމައެގޮތަށް އައިސީޔޫއަށް ވެސް އެއް ދުވަހުގެ ތެރޭގައި 12 މީހުން އެޑްމިޓްކުރަން ޖެހޭނެ. އެ ދުވަހު ޖުމްލަ 101 މީހުން ތިބޭނެ އައިސީޔޫގައި. މާނައަކީ 100 އައިސީޔޫ އެނދު އޮކިއުޕައި ވެފައޭ ތިބޭނީ. އެޕިޑެމިކްގައި މުޅި ޖުމްލަކޮށް ގާތްގަނޑަކަށް 5800 މީހުންނަށް އައިސީޔޫގައި ފަރުވާދޭން ޖެހޭނެ ކަމަށް." އޭނާ ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟