މިހާރު ލަފާ ކުރެވޭ ގޮތުން ރާއްޖޭން 77000 މީހުންނަށް ކޮވިޑު ޖެހޭނެ ކަމަށް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ ވިދާޅުވީ ޕީކަށް އަރާ ދުވަހު އެކަނިވެސް 1500 ކޭސް ފެންނާނެ ކަމަށް ބެލެވޭ ކަމަށެވެ.
"15 މެއި އިން ފެށިގެން 31 މެއި އަށް ފެންނަ ކޭސްތައް ޖުމުލަކޮށްލައިފިއްޔާ އެ ދުވަހު އެކްޓިވް ކޭސްގެ ގޮތުގައި އުޅޭނެ 6800 ކޭސް. އެޕިޑެމިކްގައި އަޅުގަނޑުމެންގެ މިހާރުގެ ލޮކްޑައުން ސިޗުއޭޝަންގައި އެސްޓިމޭޓްކުރެވެނީ 77000 އެއްހާ މީހުންނަށް އިންފެކްޝަން ޖެހޭނެ ކަމަށް،" އޭނާ ވިދާޅުވިއެވެ.
ޑރ. ޝީނާ ވިދާޅުވީ ޕީކަށް އެރުމުން އެއް ދުވަހުން އެކަނި 34 މީހުން ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހޭނެ ކަމަށާއި އެޕިޑެމިކްގައި ގާތްގަނޑަކަށް 13500 މީހުން އެޑްމިޓްކުރަން ޖެހޭނެ ކަމަށެވެ. އަދި ޕީކުގައި އައިސީޔޫގައި 100 މީހުން އެޑްމިޓުކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ޕީކަށް އެރުމުން އެއް ދުވަހުން އެކަނި ހޮސްޕިޓަލައިޒޭޝަން ކުރަން ޖެހޭނެ ކަމަށް މި އިންނަނީ ގާތްގަނޑަކަށް 34 މީހުން. މުޅި އެޕިޑެމިކްގައި މި ބަލަނީ ގާތްގަނޑަކަށް 13500 އެއްހާ ހޮސްޕިޓަލައިޒޭޝަނެއް. ހަމައެގޮތަށް އައިސީޔޫއަށް ވެސް އެއް ދުވަހުގެ ތެރޭގައި 12 މީހުން އެޑްމިޓްކުރަން ޖެހޭނެ. އެ ދުވަހު ޖުމްލަ 101 މީހުން ތިބޭނެ އައިސީޔޫގައި. މާނައަކީ 100 އައިސީޔޫ އެނދު އޮކިއުޕައި ވެފައޭ ތިބޭނީ. އެޕިޑެމިކްގައި މުޅި ޖުމްލަކޮށް ގާތްގަނޑަކަށް 5800 މީހުންނަށް އައިސީޔޫގައި ފަރުވާދޭން ޖެހޭނެ ކަމަށް." އޭނާ ވިދާޅުވިއެވެ.