މިހާރުގެ ހާލަތަށް ބަލާއިރު ކޮވިޑު ޖެހިގެން 900 މީހުން މަރުވެދާނެ ކަމަށް ބެލެވޭ ކަމަށް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ ވިދާޅުވީ މުޖުތަމައު ތެރޭގައި ބަލި ފެތުރެން ފެށިއިރު، 2000 މީހުން މަރުވާނެ ކަމަށް އަންދާޒާ ކުރި ނަމަވެސް، މިހާރު އެ އަދަދު ވަރަށް ކުޑަކުރެވިފައިވާ ކަމަށެވެ.
"ޕްރޮޖެކްޝަންތަކުން ދައްކާ ގޮތުގައި ކުރިއަށްވުރެ ގާތްވުރެ ދެބައިކުޅަ އެއްބައި ކުޑަކުރެވޭނެ. ކުރީގައި އަޅުގަނޑުމެން އެސްޓިމޭޓްކުރީ 2000 އޭ. އެކަމަކު މިހާރުގެ މި އެސްޓިމޭޓުން 900 އަށްވުރެ ދަށް. އެހެންނަމަވެސް އަޅުގަނޑުމެންނަށް ސިސްޓަމް ބާޑަން ނުވެ، މެނޭޖު ކުރެވިއްޖެއްޔާ އެވަރެއް ނިޔާވާ އަދަދު އެވަރުގައެއް ނުހުންނާނެ،" އޭނާ ވިދާޅުވިއެވެ.
ޑރ. ޝީނާ ވިދާޅުވީ މިމަހުގެ 31ގައި ޕީކަށް އަރާނެ ކަމަށް ބެލެވޭ ކަމަށާއި ޕީކަށް އަރާ ދުވަހު 1500 ކޭސް ފެންނާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ ދުވަހު ބައްޔަށް ފަރުވާ ހޯދާ މީހުންގެ އަދަދު 6800ގައި އުޅޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެޕިޑެމިކްގައި އަޅުގަނޑުމެންގެ މިހާރުގެ ލޮކްޑައުން ސިޗުއޭޝަންގައި އެސްޓިމޭޓްކުރެވެނީ 77000 އެއްހާ މީހުންނަށް އިންފެކްޝަން ޖެހޭނެ ކަމަށް. ޕީކަށް އެރުމުން އެއް ދުވަހުން އެކަނި ހޮސްޕިޓަލައިޒޭޝަން ކުރަން ޖެހޭނެ ކަމަށް މި އިންނަނީ ގާތްގަނޑަކަށް 34 މީހުން. މުޅި އެޕިޑެމިކްގައި މި ބަލަނީ ގާތްގަނޑަކަށް 13500 އެއްހާ ހޮސްޕިޓަލައިޒޭޝަނެއް،" އޭނާ ވިދާޅުވިއެވެ.
ޑރ. ޝީނާ ވިދާޅުވީ ޕީކަށް އަރާއިރު ޖުމްލަ 100 މީހުންނަށް އައިސީޔޫގައި ފަރުވާދޭން ޖެހޭނެ ކަމަށާއި އެޕިޑެމިކްގައި ޖުމްލަ 5800 މީހުންނަށް އައިސީޔޫގައި ފަރުވާދޭން ޖެހޭނެ ކަމަށެވެ.