ކޮވިޑުގެ ހާލަތު ކޮންޓްރޯލްކުރުމަށް ގައިދުރުކުރުން ކަށަވަރުކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމައިފިއެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19ގެ ހާލަތާ ގުޅޭ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައި ހުންނަވާ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި މާލޭގެ ހާލަތު އިތަރަށް ގޯސް ވެދާނެތީވެ، ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން މަގުމައްޗަށް ނުކުމެ އުޅުމުގެ ހުއްދަ ދޭއިރު އެ ހުއްދަ ހޯދަނީ ޒަރޫރީ ބޭނުމަކަށްތޯ ބަލައި ކަށަވަރު ކުރުމަށް އިތުރު ކަންތައްތަކެއް ކުރާނެ ކަމަށާއި އަދި ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި ޒަރޫރީ ބޭނުންތަކަށް އެކަނި ހުއްދަ ލިބޭނެ ގޮތް ހަދަން ނިންމާފައިވާ ކަމަށެވެ.
އޭގެ އިތުރުން ފިހާރައަކަށް ނުވަތަ ތަންތަނަށް ވަންނައިރުގައި އެއް ފަހަރާ ވަދެވޭނީ ކިތައް މީހުންތޯ އާއި އަދި ފިހާރަ ބޭރުގައި ތިބޭއިރު ގައިދުރުކުރުން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ޓާސްކުފޯހުން މަޝްވަރާ ކުރަމުން އަންނަ ކަމަށް މަބްރޫކު ވިދާޅުވިއެވެ. އަދި ވިދާޅުވީ މާދަމާ އެ ފިޔަވަޅުތަކަށް އަމަލު ކުރަން ފަށާނެ ކަމަށެވެ.