މިހާރު ފެންނަ ގޮތުން މިމަހުގެ 31 ގައި ޕީކަށް އަރާނެ ކަމަށް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ ވިދާޅުވީ އަދިވެސް ސާޖެއް ފެންމުންދާ ކަމަށާއި ކުރިއަށްއޮތް ދެ ހަފުތާއެއްގެ ތެރޭގައި ޕީކަށް އަރާނެ ކަމަށެވެ.
"ފުރަތަމަ ސާޖް މިމަހުގެ ތެރޭގައި، ކުރިއަށްއޮތް ދެ ހަފުތާއެއްގެ ތެރޭގައި، މެއި މަހުގެ 31 ވަނަ ދުވަހަށް ޕީކަށް އަރާތަން މި ފެންނަނީ. އެ ދުވަހު ގާތްގަނޑަކަށް 1600 އިންފެކްޝަން އުޅޭނެ ކަމަށް. ޕީކަށް ދާއިރު އަޅުގަނޑުމެންގެ މި ކޭސަސް ފެންނަމުންދާ ވަރާއި އެމީހުންގެ ފަރާތުން ޓްރާންސްމިޝަން ހުންނަ ވަރަށް ބަލާނަމަ، އަޅުގަނޑުމެންނަށް މި ދެ ތިން ހަފުތާގެ ތެރޭގައި ކުޑަ ސާޖެއް އުޅޭނެ،" އޭނާ ވިދާޅުވިއެވެ.
ޑރ. ޝީނާ ވިދާޅުވީ ޕީކުގައި ވެސް ގިނަ ކޭސްތައް ފެންނާނީ އެއްތަނެއްގައި ދިރިއުޅޭ މީހުންގެ ފަރާތުން ކަމަށާއި އެއްތަނެއްގައި ދިރިއުޅޭ މީހުންގެ ތެރޭގައި ދިވެހިން ވެސް ހިމެނޭ ކަމަށެވެ. އަދި މިހާރުވެސް މަޑުމަޑުން ގޭބިސީތަކުން ވެސް ކޭސްތައް ފެންނަކަން ޑރ. ޝީނާ ފާހަގަކުރެއްވިއެވެ.
"މިހާރުވެސް މަޑުމަޑުން ގޭބިސީތަކަށް އިންފެކްޝަންތައް ވަންނަން ފަށާފައި މި ހުންނަނީ، ސާވިސްއަށް މި ނުކުމެ އުޅޭ ގްރޫޕުގެ ތެރެއިން. މުހިންމު ކަމަކީ މިމަހުގެ ތެރޭގައި ތަންކޮޅެއް ބޮޑަށް އަޅުގަނޑުމެން ބަލައިގެން ނޫޅޭ ނަމަ، ދިވެހިންގެ ތެރެއަށް ފެތުރޭ ނިސްބަތްވެސް ތަންކޮޅެއް ބޮޑުވެދާނެ. މިމަހުގެ ސާޖް ދަށްކުރެވިއްޖެއްޔާ ގޭބިސީތަކަށް ދާ މިންވަރު ވެސް ކުޑަކުރެވޭނެ." އޭނާ ވިދާޅުވިއެވެ.