އިޖުތިމާއީ ގައިދުރުކަން ބޭނުންވާ މިންވަރަށް އަދިވެސް އެކަން ހާސިލު ނުވާ ކަމަށް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ ވިދާޅުވީ ހުއްދަ ލިބިގެން ވިޔަފާރިކުރަން ތިބޭއިރު ތިން ފޫޓު ދުރުގައި ނުތިބޭކަން އަދިވެސް ފާހަގަވާ ކަމަށާއި އެހެންކަމުން އިޖުތިމާއީ ގައިދުރުކަން ބޭނުންވާ މިންވަރަށް އަދިވެސް ހާސިލުނުވާ ކަމަށެވެ.
"މިހާރު ސޯޝަލް ޑިސްޓަންސިން ކޮމްޕްލަޔަންސް 70 ޕަސަންޓް. އެއީ މިހާރުގެ އޮޕަރޭޝަނަލް ޕްރޮސީޖާއަކީ ގިނަ މީހުންނަށް ޕާމިޓު ލިބިގެން މިދަނީ ވިޔަފާރިކުރުމާއި ކަންކަމަށް. އެހެންވީމާ އެ ސިޗުއޭޝަންގައި އަދިވެސް ބޭނުންވާ ވަރަކަށް ސޯޝަލް ޑިސްޓަންސިން ނުހިފެހެއްޓޭ. ވިޔަފާރިކުރަން ގޮސް ބޭފުޅުން ތިއްބަވާލެއް ތަންކޮޅެއް ދުރު. އެކަމަކުވެސް ބޭނުންވާ ޑިސްޓަންސެއް އަދިވެސް، ތިން ފޫޓު ދުރުގައި ނުތިބޭކަން އަދިވެސް ފާހަގަކުރެވޭ،" އޭނާ ވިދާޅުވިއެވެ.
ޑރ. ޝީނާ ވިދާޅުވީ ޕީކަށް ދާއިރު ގާތްގަނޑަކަށް 6000 މީހުންނަށް ބަލި ޖެހޭނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ލޮކްޑައުނަށް ފަހު އަޅުގަނޑުމެންނަށް ކުރިއަށްވުރެ ޕީކު ކުޑަވުނު ނަމަވެސް އަދިވެސް އެހާ ރަނގަޅު ނޫން ކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ.
"ޕީކަށް ދާއިރު ގާތްގަނޑަކަށް 6000 މީހުންނަށް ބަލި ޖެހޭނެ ކަމަށް މި ބަލަނީ. ލޮކްޑައުނަށް ފަހު އަޅުގަނޑުމެންނަށް ކުރިއަށްވުރެ ޕީކު ކުޑަކުރެވިއްޖެ. އެކަމަކު އަދިވެސް އެހާ ރަނގަޅެއް ނޫން. އެހެންނަމަވެސް ވަރަށް ބޮޑުތަން ދަށްކުރެވިފައި މިވަނީ. އެޗްޕީއޭގެ އިރުޝާދުތަކަށް އެއްބާރުލުން ދޭކަން ވަރަށް ފާހަގަކުރެވޭ." އޭނާ ވިދާޅުވިއެވެ.