ކުއްލި ޚަބަރު

މިދުވަސްވަރު އެހެން ގޭގެޔަށް ތަށިބަރި ފޮނުވުން ވެސް މަޑުޖައްސާލަން އިލްތިމާސްކުރައްވައިފި

މިދުވަސްވަރު އެހެން ގޭގެޔަށް ތަށިބަރި ފޮނުވުން ވެސް މަޑުޖައްސާލަން ޑރ. އިބްރާހިމް އަފްޒަލް އިލްތިމާސް ކުރައްވައިފިއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، ރޯދަމަހަށް ވުމުން އެއް ގެއިން އަނެއް ގެއަށް ތަށިބަރި ފަދަ އެއްޗެހި ފޮނުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ނަމަވެސް އެއީ އެއް ގެއިން އަނެއް ގެއަށް ބަލި ދިއުމުގެ ފުރުސަތު އޮތް ކަމަށްވާތީ، ކޮންމެހެން ޖެހިގެން ނޫނީ އެކަންތައް ކުރުން މަޑުޖައްސާލަން ނުވަތަ ހުއްޓާލުން މުހިންމު ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކަށް ނޭނގޭނެ ހަގީގަތުގައި ހާއްސަކޮށް އެސިމްޓޮމެޓިކް މީހުން އެހާ ގިނައިން ތިބޭއިރުގައި ގޭގައި ބަލި މީހަކު އުޅެމެ، އޭނާގެ ގޭގެ މީހުންނަށް ބަލި ދިއުން، އެކަމަކީ އޭނާއަކަށް ހުއްޓުވޭނެ ކަމެއް ނޫން. އެހެންނަމަވެސް އެއް ގެއިން އަނެއް ގެއަށް ތަށިބަރި އެއްޗެހި ފޯރުކޮށްދިނުމުގެ ކަންތައް ކުރިއަށް ގެންދާނަމަ އެއް ގެއިން އަނެއް ގެއަށް ބަލި ދިއުމުގެ ފުރުސަތު އިތުރުވެގެންދާނެ. އެއް ކަމަކީ އެކަން މަޑުކޮށްލުން، ހުއްޓުވާލުން،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެގޮތަށް ތަށިބަރި ގެނައުމަށްފަހު ބޭރުން އޯޑަރު ކޮށްގެން ގެންނަ އެއްޗިއްސާމެދު އަމަލުކުރާ ގޮތަށް، ތަށިބަރީގައި ހުންނަ އެއްޗެހި ގޭގައި ހުންނަ ތައްޓަކަށް ބަދަލުކުރުމަށްފަހު ތަށިބަރި ރަނގަޅަށް ދޮންނަންވާނެ ކަމަށާއި އަދި އެއަށްފަހު އަވަހަށް ސައިބޯނި ލައިގެން އަތްދޮވުމަށް އިސްކަންދޭން ޖެހޭނެ ކަމަށެވެ.