ކުއްލި ޚަބަރު

ކޮވިޑަށް ޕޮޒިޓިވްވެގެން އަލަށް ފެންނަ މީހުންގެ ކޮންޓެކްޓްސް ވަނީ ދަށްވެފައި: ޑރ. އަފްޒަލް

ކޮވިޑަށް ޕޮޒިޓިވްވެގެން އަލަށް ފެންނަ މީހުންގެ ކޮންޓެކްޓްސް ވަނީ ދަށްވެފައި ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، މިހާތަނަށް ފެނިފައިވާ ކޭސްތަކަށް ބަލާއިރު ދވެހިންގެ ތެރޭގައި ބަލި ޖެހިފައިވާ މީހުން ފެންނަ މިންވަރު އެއް މިންވަރެއްގައި ހިފެހެއްޓިފައިވާ ކަމަށެވެ.

ނަމަވެސް ބިދޭސީންގެ ތެރެއިން ކޭސްތައް ފެންނަ މިންވަރު ދޭތެރެ ދޭތެރެއިން މައްޗަށް ގޮސް، ކުރިއަށް އޮތްތަނުގައި އިތުރުވުން އެކަށީގެންވާ ކަމަށް ވިދާޅުވިއެވެ.

ޑޮކްޓަރު އިތުރަށް ވިދާޅުވީ، ކޮންޓެކްޓްސްގެ ތެރޭގައި ބަލީގެ އަލާމާތްތައް ހުންނަ މީހުން ފެންނަ މިންވަރު މަދު ކަމަށެވެ. އަދި ލޮކްޑައުންގެ ހާލަތާއި އާންމުންގެ ތެރޭގައި ބައްދަލުވެ އުޅުން މަދުވެފައިވާތީ ކޮންމެ ކޭސްއަކާ ގުޅިގެން ކޮންޓެކްސް ވެސް މަދުވެފައިވާ ކަމަށް ވިދާޅުވިއެވެ.

އެގޮތުން ފަހުން ފެނިފައިވާ ކޭސްތަކާ ގުޅިގެން އެ ފެންނަ ކޭސްއަކާ ކޮންޓެކްޓް ވެފައިވާ މީހުން މަދުވެފައިވާކަން ފާހަގަކުރެވިފައިވާއިރު ކުލަސްޓާތަކުގެ ކޮންޓެކްޓްސްތައް ވެސް މަދުވެފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.