ދުނިޔެ

އިންޑިއާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު އިސްތިއުފާދީފި

މުހައްމަދު އައުޒަމް

އިންޑިއާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު އިސްތިއުފާދީފިއެވެ.

އިންޑިއާގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާގެ ގަވަރުނަރު އަރުޖިތް ޕަޓޭލް އިސްތިއުފާ ދެއްވާފައިވަނީ އަމިއްލަ ސަބަބުތަކަށްޓަކައި ކަމަށް ނެއެވެ. ނަމަވެސް ޕަޓޭލް އިސްތިއުފާ ދެއްވާފައި ވަނީ އިންޑިއާގެ ސަރުކާރުން މަރުކަޒީ ބޭންކަށް ކުރަމުންދާ ޕްރެޝަރުތަކުގެ ސަބަބުންކަމަށް އެގައުމުގެ ނޫސްތަކުން ވަނީ ބުނެފައެވެ.

ޕަޓޭލް އިސްތިއުފާދެއްވުމާ ގުޅިގެން އިންޑިއާގެ ސިޔާސީ ފަރާތްތަކުން ވަނީ މިއީ އާދައިގެ ކަމެއް ނޫންކަމަށް ބުނެފައެވެ.

އިންޑިއާގެ ކުރީގެ ފިނޭންސް މިނިސްޓަރު ބުނެފައިވަނީ އަރުޖިތް ޕަޓޭލް އިސްތިއުފާ ދިނުމުން ދޭހަވަނީ އެއްވެސް ކަމެއް ބަދަލު ނުވާކަމެވެ. އޭނާ އިތުރަށް ބުނީ ޕަޓޭލްގެ އިސްތިއުފާއިން އެނގެނީ ސަރުކާރުން ބޭންކުތަކަށް، ހާއްސަކޮށް މަރުކަޒީ ބޭންކަށް ނުފޫޒު ފޯރުވަމުންދާ މިންވަރުކަމަށެވެ.

މޯދީގެ ސަރުކާރުން ވަނީ މަރުކަޒީ ބޭންކުގެ ބޯޑަށް އޭނާ ބޭނުންވާ 18 މެމްބަރުން އައްޔަން ކޮށްފައެވެ. މިކަމުން ވެސް ދޭހަވަނީ ބޭންކުތަކަށް އިންޑިއާ ސަރުކާރުން ނުފޫޒު ފޯރުވާނެ މިންވަރުކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

އަރުޖިތް ޕަޓޭލް އިސްތިއުފާ ދެއްވުމުން މޯދީ ވަނީ އޭނާއަށް ޝުކުރު ދަންނަވައި ޓުވީޓް ކުރައްވައިފައެވެ. މޯދީގެ ޓްވީޓުގައި ޕަޓޭލްއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފައިވެއެވެ. އަދި ޕަޓޭލްގެ ލީޑާޝިޕްގެ ސަބަބުން މަރުކަޒީ ބޭންކަށް ހަމަޖެހުން އައިސް ހަރުދަނާ ތަނަކަށް ވެގެން ގޮސްފައިވާކަމަށް ވަނީ ވިދާޅުވެފައެވެ.